ވޮޝިންޓަން (ޖަނަވަރީ 13) : އެފްރިކާގެ ބައެއް ގައުމުތަކާއި ހެއިޓީ ފަދަ ގައުމުތަކަކީ ހަޑި މުޑުދާރު ސަރަހަދުތަކެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރެއްވި މައްސަލާގައި ޓްރަމްޕް މަޢާފަށް އެދިވަޑައިގަތުމަށް އެފްރިކާގެ 45 ގޮވާލައިފި އެވެ.

އެ ގައުމުތަކުން ނެރުނު ބަޔާންތަކުގައި ޓްރަމްޕްގެ ވާހަކަތަކަކީ ނަސްލީ އިމްތިޔާޒަށް ހިއްވަރު ދިނުމުގެ ވާހަކަތަކެއް ކަމަށާއި އެއީ ތަހުޒީބު ލީޑަރުން ކުރާ ބާވަތުގެ ކަމެއް ނޫންކަމާއި އެފަދަ ބަޔާންތައް ދެއްވާ ބޭފުޅުންނަށް ތަހުޒީބު ދުނިޔޭގައި ޖަގާނެތްކަން ބަޔާންކޮށްފައިވެ އެވެ.

އެ މައްސަލާގައި ޓްރަމްޕް ހޫނުފެނަށް ވެއްޓިފައިވާ އިރު އިންސާނީ ހައްގުތަކާބެހޭ އދ.ގެ ހައިކޮމިޝަނަރުގެ ތަރްޖަމާން ރޮބަޓް ކޮލްވިލް ވިދާޅުވީ ޓްރަމްޕްގެ ވާހަކަތަކަކީ އިންސާނީ ހައްގުތަކާ މުޅިން ހިލާފު އަދި ބައިނަލްއަގްވާމީ ހަމަތަކާއި އިންސާނީ ގާނޫނުތަކުގެ އަގުތަކާ ފުށުއަރާ ދަށުދަރަޖައިގެ ވާހަކަތަކެއް ކަމުގަ އެވެ.

އެފްރިކާގެ ގައުމުތަކަށް ޓްރަމްޕް އިހާނާތްކޮށް ކަޅުމީހުންނާއި ކަޅު ނަސްލުގެ މީހުންގެ ގައުމުތަކަކީ ހަޑިމުޑުދާރު ބައެއްކަމާއި ދޮން މީހުންނަކީ މާމަތީ ބައެއްކަމުގެ ބޯދާ ވިސްނުން ޓްރަމްޕް ގެންގުޅުއްވާ މައްސަލާގައި ދެކުނު އެފްރިކާގައި ވެރިކަންކުރާ ނެޝަނަލް ކޮންގްރެސް ޕާޓީގެ އިސް ވެރިއެއްކަމަށްވާ ޖެސީ ޑުވާޓީ ވިދާޅުވީ އެމެރިކާއަކީ މާމޮޅު އަދި މާމަތީ ފެންވަރުގެ ގައުމެއް ކަމަށް ޓްރަމްޕަށް ހީވުމަކީ ކުށްހީއެއްކަމުގަ އެވެ. އަދި އެހެން ގައުމުތަކުން ތަހައްމަލްކުރާ ހުރިހާ ގޯސްކަންތައްތަކާއި މައްސަލަތައް އެމެރިކާގައި ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތުން އެމެރިކާ އެހާ މުއްސަނދި އިރު ވެސް އެމެރިކާގައި ގިނަ އަދަދެއްގެ ފަގީރުންނާއި ގެދޮރުނެތްމީހުން އުޅޭ މައްސަލަ އާއި އެމެރިކާގައި ޖަރީމާތައް އިންތިހާއަށް އިތުރުވެ، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ހަމަތަކާ ޚިލާފަށް އެމެރިކާ އަމަލުކުރަމުން ގެންދާ މައްސަލަވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެމައްސަލާގައި ދުނިޔޭގެ ފިއްތުންތައް ކުރިމަތިވުމުން ޓްރަމްޕް ވަނީ އެފްރިކާގެ ބައެއް ގައުމުތަކާއި ހެއިޓީ ފަދަ ގައުމުތަކަކީ ހަޑި މުޑުދާރު ސަރަހަދުތަކެއްގެ ގޮތުގައި ސިފަނުކުރައްވާ ކަމަށް ވިދާޅުވެ އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަ ދައްކަވަން ޖެހިފަ އެވެ. ނަމަވެސް އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ ލީޑަރު ސެނެޓަރ ޕޯލް ރަޔަން ވަނީ ކޮންގްރެސްގައި ޓްރަމްޕް ދެއްކެވި ވާހަކާގައި އެފްރިކާގެ ބައެއް ގައުމުތަކާއި ހެއިޓީ ފަދަ ގައުމުތަކަކީ ހަޑި މުޑުދާރު ސަރަހަދުތަކެއް ކަމަށް ގެގޮތުގައި ޓްރަމްޕް އެތައް ފަހަރަކު ވިދާޅުވިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

މިމައްސަލައާ ގުޅިގެން ޓްރަމްޕްގެ ޝަޚްސިއްޔަތު ބައިނަލްއަގްވާމީ ފެންވަރުގައި ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފަ އެވެ. މި މައްސަލާގައި ޕެނަމާގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޯން ވެލީ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ގުޅިގެންކަމަށް ވެލީ ވިދާޅުވި ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޓްރަމްޕްގެ ބަސްމަގާއި ޓްރަމްޕްގެ އަމަލުތައް ހުންނަ ގޮތުން ޓްރަމް ފަދަ ހަރުކަށި ނަސްލީ ތަފާތުކުރުމުގެ ވިސްނުމުގެ ބޭފުޅެއްގެ ސަރުކާރުގައި މަސައްކަތް ކުރަން ބޭނުންނުވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)