13 Jan 2018, 01:17
އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ ހަރުގެއަށް މިއަދު ހަވީރު ޕެޓްރޯލް އުކައިފިއެވެ.
މަންޒަރު ދުށް މީހަކު ބުނީ މިއަދު ހަވީރު 5:45 އެހައިކަންހާއިރު ހަރުގެއަށް ޕެޓްރޯލް އުކީ އާޓިފިޝަލް ބީޗު ތެރޭގައި ހުރި މީހަކު ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ޖޫސްޕެޓީ ބަންދުކުރާ ކޮތަޅު ތެރެއަށް އަޅާފައިހުރި ޕެޓްރޯލް ހަރުގެ ތެރެއަށް އުކުމުން އެވަގުތު އެތަނުގައި ހުރި މީހެއްގެ ގަޔަށް ވެސް ޕެޓްރޯލްގެ އަސަރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެމްޑީޕީ ހަރުގެއަށް އުކި ޕެޓްރޯލް އަޅާފައިހުރި ޖޫސްޕެޓީ ބަންދުކުރާ ކޮތަޅުތައް --- ސަން ފޮޓޯ
"އަޅުގަނޑުމެން ފުރަތަމަ ހީކުރީ ކެމިކަލެއް ކަމަށް. އެހެންވެ ވަރަށް ބިރުގަތް. ފަހުން ބެލިއިރު ޕެޓްރޯލް ވަސް ދުވަނީ،" ޕެޓްރޯލް އުކިއިރު ހަރުގެ ތެރޭގައި ހުރި މީހަކު ކިޔައިދިނެވެ.
ދާދިފަހުން ވަނީ އެމްޑީޕީ ހަރުގެއަށް ބިސްވެސް ޖަހާފައެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ހަރުގެއަށް ޕެޓްރޯލް އުކި މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.