14 Aug 2011, 21:55
ދައުލަތުގެ މާލީ އަދި އިޤްތިޞާދީ އިޞްލާޙީ ޕްރޮގްރާމަށް މަޓީން ފުރިހަމައަށް ތާއީދު ކުރައްވާފައިވާތީ، އެކަމަށްޓަކައި މަޓީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަރްޙަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވައިފި އެވެ.
މަޓީގެ ފަރާތުން ސަރުކާރާ އެކު ކުރެއްވި މަޝްވަރާތަކުގައި، އިޤްތިޞާދީ އިޞްލާޙީ ޕްރޮގްރާމަށް، އެ ޖަމްޢިއްޔާގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވިކަން އެއީ، ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު އިޞްލާޙު ކުރެއްވުމަށާއި ދައުލަތުގެ އާމްދަނީ އިތުރުކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެބޭފުޅުންގެ ތާއީދު އޮތްކަން ހާމަވެގެންދާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ޓުއަރިޒަމް ތަރައްޤީ ކުރެއްވުމުގައާއި، ޓުއަރިޒަމްގެ ދާއިރާއިން ރާއްޖޭގެ ވިޔަފާރިއަށްވެސް ލިބޭ ކުރިއެރުންތަކުގައި މަޓީގެ ޙިއްޞާ ވަރަށްބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށް މަޓީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން، މިފުރްޞަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ.