ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް، ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) ގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކޮށް، ހޮސްޕިޓަލް ހިންގުމަށް ހުރަހެއް ނޭޅޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް އެރުވުމަށް ތައްޔާރުކަމަށް ނޫނިމްސް އިން ބުނެފިއެވެ.

ކުޅުދުއްފުށި ހޮސްޕިޓަލް ޓާޝިއަރީ ފެންވަރުގައި ހިންގުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ނިމްސްއަށެވެ. ހޮސްޕިޓަލް ހިންގުމަށް ވަނީ ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ނަމުގައި ކުންފުންޏެއް ރެޖިސްޓްރީކޮށްފައެވެ. އެ ކުންފުނީގެ 80 ޕަސަންޓު ހިއްސާދާރަކީ އިންޑިއާގެ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓެވެ. ބާކީ 20 ޕަސަންޓު ހިއްސާދާރަކީ އަލީ އުސައިދު ކިޔާ ދިވެއްސެކެވެ.

ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓް (އެންއައީއީޓީ)ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އިންޓަނޭޝަނަލް އޮޕަރޭޝަންސް މެނޭޖަރ އަހްމަދު ނަސީރު "ސަން"އަށް ވިދާޅުވީ، ހިއްސާދާރުންގެ މެދުގައި ޖެހިފައި އޮތް މައްސަލަތައް ހައްލުކޮށް، އެކަން ދިވެހި ސަރުކާރަށް އަންގަން ތައްޔާރަށް ތިބި ކަމަށެވެ.

ކުޅުދުއްފުށި ހޮސްޕިޓަލް ހިންގުމުގައި ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހި، އިދާރީގޮތުން ގޮންޖެހުންތަކައް ކުރިމަތިވުމާ އެކު، ހެލްތު މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެފައެވެ. މިދިޔަ ހަފްތާގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ހިއްސާދާރުންގެ މެދުގައި ޖެހިފައި އޮތް މައްސަލަތައް ހައްލުކުރުމަށްފަހު އެކަން ސަރުކާރަށް އެންގުމަށް 10 ދުވަހުގެ މުހުލަތެއް ދީފައެވެ.

ނޫރުލް އިސްލާމުން ބުނީ ދިވެހި ހިއްސާދާރުގެ ފަރާތުން އެއްބާރުލުން ކުޑަ ކަމަށާއި، ބޯޑުގެ ބައްދަލުވުންތަކަށް އޭނާ ހާޒިރުނުވާ އިރު، ކަންކަން ކުރުމަށް އޭޏާ ދަނީ ހުރަސް އަޅަމުންދާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އެގޮތަށް ކަން ވިޔަސް، ކުންފުނި ޑެޑްލޮކަކަށް ނުގެންދެވޭނެ ހިއްސާދާރެއް ބޭނުންވިޔަކަސް. މި ކުންފުނީގެ މެޖޯރިޓީ ހިއްސާދާރަކީ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓް. ހުރިހާ ޑިޒިޝަނެއް ނެގުމަށާއި ކަންކަން ކުރުމަށް މެޖޯރިޓީ ބާރު އޮންނާނީ ނިމްސްއަށް،" ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ އިދާރީ ކަންކަން މީގެ ކުރިން ކުރަމުން އައީ ދިވެހި ހިއްސާދާރު ކަމަށާއި، ނަމަވެސް އޭނާގެ ފަރާތުން ހުރަސްތައް ކުރިމަތިވާތީ، ދާދި ފަހުން އެކަންކަން ކުރުމާ ނޫރުލް އިސްލާމުން ހަވާލުވެފައިވާ ކަމަށެވެ.

"މިފަދަ ގޮތަކަށް ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ރީސްޓްރަކްޗަރ ކުރެވިގެން ބާރު ސްޕީޑުގައި ކުރިޔަށް ގޮސް، ދީފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރަށް ޕްރޮޕޯޒް ކުރާނަން ހޮސްޕިޓަލްގެ ހިންގުން ގެންދާނެ ގޮތް،" ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ އާދީއްތަ ދުވަހަށް މުހުލަތު ހަމަވާ އިރު، މާދަމާ ހުރިހާ ލިޔެކިޔުންތަކަކާ އެކު ސަރުކާރަށް ދޭންޖެހޭ ޔަގީންކަން ހުށަހެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ނަސީރު ވިދާޅުވި ގޮތުގައި ނިމްސްއިން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބެހެއްޓުމަށް ސީޓީ ސްކޭން މެޝިނަކާއި އެކޯސައުންޑް މެޝިނެއްވެސް ރާއްޖެ ގެނެސްފައެވެ. ނަމަވެސް ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލައާ އެކު، އެތަކެތި ކަސްޓަމްސްއިން ކްލިއާ ނުކުރެވި ދެ މަހެއްހާ ދުވަސް ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުޅުދުއްފުށްޓަށް އެމްއާރުއައި މެޝިނެއް ގަނެ، ދަތުރުކުރުުމަށް ތައްޔާރަށް އޮތް ކަމަށާއި، ހުރިހާ މައްސަލައެއް ހައްލުވުމާ އެކު އެ މެޝިނުވެސް ރާއްޖެ ގެނައުމަށް ޝިޕު ކުރެވޭނެކަމަށް ނަސީރު ވިދާޅުވިއެވެ.