ނިއު ދެއްލީ، އިންޑިއާ (އަލްޖަޒީރާ) – އިންޑިއާ ސުޕްރީމް ކޯޓުގެ މަސައްކަތް ހިނގަމުންދާ ގޮތްތަކަށް ފާޑުވިދާޅުވެ އެ ކޯޓުގެ އިސް ހަތަރު ފަނޑިޔާރެއްގެ ތުހުމަތުތަކެއް އެގައުމުގެ އުއްތަމަ ފަނޑިޔާރު ދީޕަކް މިސްރާއަށް އަމާޒުވެއްޖެ އެވެ.

މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް އިންޑިއާގެ އެންމެ މަތީ ކޯޓަށް ފާޑުވިދާޅުވެ ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ.

ނިއު ދިއްލީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ވަނީ ސުޕްރީމް ކޯޓުފަދަ ބާރުގަދަ އިދާރާއެއް ހިނގަމުންދަނީ ނިކަމެތި ގޮތަކަށް ކަމަށާއި އެހެންކަމަށްވާނަމަ އެގައުމުގެ ޑިމޮކްރަސީ ނެތި ހިނގައިގެންދާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

"ބައެއް ފަހަރު ސުޕްރީމް ކޯޓުގެ ހިންގުންދަނީ ގައިވާ އެއްގޮތަކަށް ނޫން. ފާއިތުވެދިޔަ މަދު މަސްތަކުގައި އެފަދަ އެތައް ކަމެއް ވަނީ ހިނގައިގެން ގޮސްފައި. އަދި އަހަރެމެން ހަތަރު ބޭފުޅުން ވެސް ގަބޫލުކުރާ ގޮތުގައި މި އިދާރާ ހަމައަކަށް އަޅުވައި ބާރުތައް ނުނެގެހެއްޓޭނަމަ، މިގައުމުގައި ޑިމޮކްރަސީ ހިމާޔަތެއް ނުކުރެވޭނެ،" ފަނޑިޔާރު ޖަސްތީ ޗެލަމަސްވަރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ވިދާޅުވީ، ޖުޑީޝަރީގައި ހުރި މައްސަލަތަކެއްގެ ސަބަބުން ގާނޫނީ ނިޒާމު އެންމެ ރަނގަޅު ގޮތުގައި ހިންގުމަށް އުދަނގޫތަކެއް ދިމާވެފައިވާކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރަށް ސިޓީފުޅެއް ފޮނުއްވާފައިވާނޭ ކަމަށެވެ.

އެ ސިޓީގައި ހަތަރު ފަނޑިޔާރުން ވަނީ ބައެއް ކަހަލަ އަޑުއެހުންތަކުގައި ސުޕްރީމް ކޯޓުގެ ބެންޗު އެކުލަވާލައި ގޮތާ ގުޅޭގޮތުން ފާޑުވިދާޅުވެފައެވެ. އަދި އެފަދަ ކަންތައްތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ ތަސްވީރު ކިލަނބުވަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގައި މައްސަލަތަކެއް ހުރި ނަމަވެސް އެބޭފުޅުންގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި އަންނަ ހޯމަ ދުވަހު މަސައްކަތަށް ނުކުންނަވާނެ ކަމަށް ވެސް ހަތަރު ފަނޑިޔާރުން ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރަކީ ސުޕްރީމް ކޯޓުގެ ރޯސްޓާގެ ޒިންމާ އެޅިފައިވާ ބޭފުޅެކެވެ. ނަމަވެސް ހަތަރު ފަނޑިޔާރުންގެ ފާޑުކިޔުންތަކާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.