12 Jan 2018, 17:51
ލާހޯރު (ދުންޔާ ނިއުސް): ޕާކިސްތާނުގައި ރޭޕްކޮށް އަނިޔާވެރި ގޮތަކަށް މަރާލި ހަތް އަހަރުގެ ޒައިނަބުގެ ގާތިލް 36 ގަޑިއިރުގެ ތެރޭގައި ހައްޔަރު ކުރުމަށް ޕުންޖާބު އިންސްޕެކްޓާ ޖެނެރަލަށް ލާހޯރުގެ ހައި ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.
ލާހޯރުގައި މިއަދު ބޭއްވި ހައިކޯޓުގެ އަޑުއެހުމުގައި އިސް ފަނޑިޔާރު މަންސޫރު އަލީ ޝާހް ވަނީ ޒައިނަބުގެ ގާތިލް ހައްޔަރުކުރުމަށް ސިފައިންގެ މުޅި ލަޝްކަރު ނެރުމަށް އަމުރު ކުރައްވައިފަ އެވެ. އަދި ޕުންޖާބުގައި ހިނގާފައިވާ ރޭޕްގެ ހުރިހާ މައްސަލައެއް ހައި ކޯޓަށް ފޮނުވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ވަގަށް ނަގައި ރޭޕް ކުރުމަށްފަހު އަނިޔާވެރި ގޮތަކަށް ޒައިނަބު މަރާލާފައިވަނީ އޭނާގެ ބެލެނިވެރިން އުމްރާގެ އަޅުމަކަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅެނިކޮށެވެ. ފުލުހުންގެ އޮފިސަރުންނަށް ޒައިނަބުގެ ހަށިގަނޑު ފެނުނީ ކުނިތަކެއްގެ ތެރެއިންނެވެ.
ޒައިނަބުގެ އަނިޔާވެރި މަރާ ގުޅިގެން ޕާކިސްތާނު ހަލަބޮލިވެ ބައެއް ހިސާބުތަކުގެ މާރުކޭޓުތަކާއި ތައުލީމީ މަރުކަޒުތައް ބަންދު ކޮށްފައި ހުންނަތާ ދެ ދުވަސް ވެފައިވާއިރު ސިޔާވެރިންނާއި އެކްޓިވިސްޓުން ވަނީ ކުޑަކުޑަ ޒައިނަބުގެ މަރު، ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފަ އެވެ.