ރިޝްވަތު ދީގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަން ކުރާ އެމްޑީޕީ އަށް ގެންދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަށް ބޭނުންވާ މައުލޫމާތު ނުލިބިއްޖެ ނަމަ މައްސަލަ ބެލުން ހުއްޓިދާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ( މިއަދު ބުނެފި އެވެ.

އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ ރިޝްވަތު ދީގެން މެންބަރުން ޕާޓީ ބަދަލު ކުރާ ކަމަށް ބުނެ، ޑީއާރްޕީން ވަކިކޮށްފައިވާ އުމަރު ނަސީރު ހުށަހެޅުއްވި މައްސަލައަށް އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީ ބަދަލު ކުރާ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާ އިރު، ރިޝްވަތުގެ ގޮތުގައި މެންބަރުންނަށް ހުށަހަޅަނީ ފައިސާތޯ ނުވަތަ މުދަލެއްތޯ ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި އެ މެންބަރަކަށް ރިޝްވަތު ދިންކަން އެނގޭނެ ހެކި ނުވަތަ އެކަން އެނގޭ މީހުންގެ ނަންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

"އެ މައުލޫމާތު އެނގެނީ ކޮންބަޔަކަށްތޯ އާއި ރިޝްވަތުގެ ގޮތުގައި ނެގީ ފައިސާތޯ ނުވަތަ މުދަލެއް ކަމަށްވާ ނަމަ އެއީ ކޮންއެއްޗެއްކަން ބުނެދޭން ޖެހޭނެ. އަދި ކޮން ބަޔަކު ކިހިނެއް ދިން އެއްޗެއްތޯ އާއި ވީހާ ވެސް ތަފްސީލް ގޮތެއްގައި ބުނެދޭން ޖެހޭނެ،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެންބަރުނަށް ރިޝްވަތު ދީގެން ޕާޓީ ބަދަލު ކުރާ ކަމަށް ބުނެ، އުމަރު ނަސީރު ހުށަހަޅުއްވާފައިވާ މައްސަލާގެ ތަހުގީގުތައް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ބަންދު ތެރޭގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައި ގަތުމުން އޭސީސީ އަށް އުމަރު ނަސީރު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ "ފައިސާ ދީގެން އެއް ޕާޓީން އަނެއް ޕާޓީއަށް މެމްބަރުން ގެންދިއުމަކީ ކޮރަޕްޝަނުގެ އަމަލަކަށް ނޫނީ ނުވާނެ" ކަމަށެވެ. އަދި ފައިސާ އާއި މަގާމް އަދި ރިސޯޓް، ފަޅު ރަށް ފަދަ މުދާ، ހަދިޔާގެ ގޮތުގައި ދީގެން ޕާޓީ ބަދަލުކުރާ ކުރުން އެއީ ހުއްދަ ކަމެއް ކަމުގައި ނުވަތަ ރީތި ކަމެއް ކަމުގައި ބެލެވޭ ހިސާބަށް ކޮރަޕްޝަންގެ އެ އަމަލު ގޮސްފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.