12 Jan 2018, 15:01
ވޮޝިންޓަން (ޖެނުއަރީ 12): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ މަހު އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ.
ލަންޑަނުގައި އެމެރިކާގެ އާ އެމްބަސީއެއް ހުޅުވުމަށްޓަކައި ކުރައްވަން އޮތް ދަތުރުފުޅު ކެންސަން ކުރައްވަމުން ޓްރަމްޕް ވަނީ އާ އެމްބަސީއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ.
އެގޮތުން މީގެ ކުރިން އެ އެމްބަސީ ހުރި ވަރަށް ރަނގަޅު ސަރަހައްދެއްގައި ކަަމަށާއި ނަމަވެސް ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ އެބިން ވަރަށް ކުޑަ އަގަކަށް ވިއްކާލާފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އަދި ފަހުން އެއް ބިލިއަން ޑޮލަރު ހަރަދުކޮށްފައި އާ އެމްބަސީ ހަދާފައި ވަނީ ރަނގަޅު ތަނެއްގައި ނޫން ކަމަށާއި ވީމާ އެއެމްބަސީ ހުޅުވަން ވަޑައިނުގަންނަވާނެ ކަމަށް ޓްރަމްޕްގެ ޓުވީޓުގައި ވެއެވެ.
އެމެރިކާގެ އެމްބަސީ ބަދަލު ކުރަން ނިންމެވީ އޮބާމާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއީ 2008 ވަނަ އަހަރު ޖޯޖް ޑަބްލިއު ބުޝް ވެރިކަމުގައި ހުންނަވަނިކޮށް ހަދާފައިވާ އެއްބަސްވުމެކެވެ.
ޓްރަމްޕް އެދަތުރުފުޅު ކެންސަލް ކުރުމާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރުން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެއެވެ. އަދި އެމްބަސީ ހުޅުވަން ދެން ވަޑައިގަންނަވާނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ކަމަށް ބައެއް ރިޕޯޓުތަކުގައި ވެއެވެ.
މިދިޔަ އަހަރު އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވަނީ ޓްރަމްޕް އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު އަރުވާފައިއެވެ. އަދި ޓްރަމަޕް އެދައުވަތު ގަބޫލު ކުރެއްވި ނަމަވެސް އޭނާ އެގައުމަށް ވަޑައިގަތުމާ ދެކޮޅަށް 1.8 މިލިއަން މީހުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ.
ޓްރަމްޕް އެދަތުރުފުޅު ކެންސަލްކުރެއްވީ ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމާ ގުޅިގެން އެކަމާ ބެހޭ ގޮތުން ދެގައުމުގެ މެދުގައި ދެބަސްވުން އުފެދިފައި ވަނިކޮށެވެ. އެގޮތުން ބޮޑުވަޒީރު މޭ ވަނީ ޓްރަމްޕްގެ ނިންމުމަކީ މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމެއް ކަަމަށް ވިދާޅުވެފައެވެ. (ބީބީސީ)