12 Jan 2018, 14:14
އައްޑޫ ސިޓީ ގައި ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު 18 އަހަރުގެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު "ސަން"އަށް ވިދާޅުވީ މިއަދު މެންދުރު ފްލައިޓުން 18 އަހަރުގެ އެ ޒުވާނާ މާލެ ގެންނާނެ ކަމަށެވެ. އޭނާގެ ބޮލަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.
ރޭ 23:00 ހާއިރު ފޭދޫ ލިންކް ރޯޑުގައި އެކްސިޑެންޓް ހިނގިތަން ފެނުނު މީހަކު "ސަން"އަށް ކިޔައިދިންގޮތުގައި އެކްސިޑެންޓް ވެފައިވަނީ ފޭދޫ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެހާދިސާ ހިނގަން މެދުވެރިވީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ބިދޭސީއެއްގެ ގައިގައި ޖެހިގެން ކަމަށް އޭނާ ބުންޏެވެ.
އެ ހާދިސާގައި އަނިޔާވި ތިން މީހުންވެސް އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ފޭދޫ ސިއްހީ މަރުކަޒަށެވެ. ފަހުން އިތުރު ފަރުވާއަށް ތިން މީހުންވެސް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަަލަށް ބަދަލުކޮށްފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފައެވެ.