12 Jan 2018, 13:23
ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ރިޔާސީ ދައުރުގެ މުއްދަތާ ބެހޭގޮތުން އެމަނިކުފާނު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިވަޑައިގަތީ، ރިޔާސީ ދައުރުގެ މުއްދަތާ ބެހޭގޮތުން ގިނަ ބައެއްގެ މެދުގައި އޮޅުންތަކެއް އުޅޭތީކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފިއެވެ.
ސްރީލަންކާގެ ރިޔާސީ ދައުރުގެ މުއްދަތުކަމުގައި ކުރިން އޮންނަނީ ހަ އަހަރެވެ. ނަމަވެސް 2015 ވަނަ އަހަރު، ރައީސް ސިރިސޭނާ އިސްވެ ހުންނަވައި އެގައުމުގެ ގާނޫނު އަސާސީއަށް ގެންނެވި 19 ވަނަ އިސްލާހާ އެކު، ރިޔާސީ ދައުރުގެ މުއްދަތު ވަނީ ފަސް އަހަރަށް ކުޑަކޮށްފައެވެ. އަދި އެކަކަށް ރައީސްކަން ކުރެވޭނީ ފަސް އަހަރުގެ ދެ ދައުރަށް ކަމަށްވެސް އެ އިސްލާހުން ވަނީ ކަނޑައަޅާފައެވެ.
ބައެއް ފަރާތްތަކުން ދަނީ، ސިރިސޭނާ ވެރިކަމުގައި ގިނަދުވަހު ހުންނެވުމަށް ބޭނުންފުޅުވަނީ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ.
ރައީސް ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ ދައުރުގެ މުއްދަތުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފައަކަށް ރައީސް އެދިވަޑައިގަތީ، އެކަމުގައި ގިނަ ބައެއްގެ މެދުގައި އޮޅުން އަރާފައި އޮތުމުން ކަމަށެވެ.
ލަންކާގެ ބައެއް ސިޔާސީ ބޭފުޅުން ބުނަމުން ދަނީ، ރައީސް ސިރިސޭނާގެ ރިޔާސީ ދައުރުގެ މުއްދަތަކީ ކުރިއެކޭވެސް އެއްފަދައިން ހަ އަހަރު ކަމަށެވެ. ސަބަބަކީ، ރިޔާސީ ދައުރުގެ މުއްދަތު ފަސް އަހަރަށް ކުޑަކުރީ ސިރިސޭނާ ރައީސްކަމުގައި ހުންނެވުމުން ކަމުގައި ވާތީ، އެމަނިކުފާނުގެ ރިޔާސީ ދައުރަށް އެ އިސްލާހު ނުހިނގާނެތީ ކަމަށް އެފަރާތްތަކުން ބުނެއެވެ.
ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަނީ އެ ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގުކުރައްވާ ހިސާބުން އެއަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުރީގެ ރައީސުންވެސް ސުޕްރީމް ކޯޓުގައި މިފަދަ މައްސަލަތަކުގައި ލަފައަށް އެދިވަޑައިގެންފައިވާ ކަމަށާއި، ސުޕްރީމް ކޯޓުގެ ލަފާ ހޯދުމަކީ ގާނޫނު އަސާސީންވެސް ލިބޭ ހައްގެއް ކަމަށެވެ.
މިދިޔަ ހޯމް ދުވަހު ރައީސް ސިރިސޭނާ، ސުޕްރީމް ކޯޓުގެ ލަފައަށް އެދިވަޑައިގެންފައިވާ އިރު، އެ ކޯޓުން ވަނީ މި މައްސަލަ ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފައެވެ. ރައީސް އެދިލެއްވީ ޖެނުއަރީ 14 ވާ އާދީއްތަ ދުވަހުގެ ކުރިން ލަފައެއް ދެއްވުމަށެވެ.
މި މައްސަލައިގައި ލަންކާ ސަރުކާރުގެ ބަންޑާރަނައިބު ޖަޔަންތަ ޖަޔަސޫރިޔާ ވިދާޅުވީ ރައީސް ސިރިސޭނާ، 2015 ވަނަ އަހަރުގެ ޖެނުއަރީ ނުވަވަނަ ދުވަހު ލަންކާގެ ރައީސްކަމާ ހަވާލުވީ ހަ އަހަރުގެ ދައުރަކަށް ކަމުން، އެމަނިކުފާނުގެ ވެރިކަން ނިމޭނީ ހަ އަހަރު ފުރިހަމަވުމުން ކަމަށެވެ.