12 Jan 2018, 15:34
ދޮންވާ ކްރީމެއްގެ އިޝްރިހާރު ކުޅުމަށް ބޮލީވުޑްގެ ތަރި ސުޝާންތު ސިންހް ރާޖްޕުތުއަށް ލިބުނު 150 މިލިއަން ރުޕީސްގެ (2.3 މިލިއަން ޑޮލަރު)ގެ ހުށަހެޅުމަކަށް އޭނާ ނޫނެކޭ ބުނެފިއެވެ.
ސުޝާންތުގެ ގާތް މީހަކާ ހަވާލާދީ ބައެއް ނޫސްތަކުން ބުނީ ކިތަންމެ އަގުބޮޑު ހުށަހެޅުމެއް ނަމަވެސް އެފަދަ އުފެއްދުންތައް އެންޑޯޒް ކުރުމަކީ ސުޝާންތު ބެނުންވާ ކަމެއް ނޫން ކަމަށެވެ. ސުޝާންތަށް ހުށަހެޅުން ލިބުނީ ދޮންވާ ކްރީމެއްގެ ހަ އިޝްތިހާރު ކުޅުމަށެވެ.
ސުޝާންތު ބުނީ އެކްޓަރެއްގެ ހައިސިއްޔަތުން "ގޯސް މެސެޖެއް ދޭ" ކަމެއް ޕްރޮމޯޓުކުރަން ބޭނުން ނޫން ކަމަށެވެ. އެފަދަ އިޝްތިހާރުތަކުން ފެންނަ ގޮތަށް އެ އުފެއްދުންތައް ބޭނުންކުރުމުން ބަދަލެއް އަންނަ ކަމަށް ގަބޫލު ނުކުރާ ކަމަށާއި މީހާގެ ހަންގަނޑު ހުންނަ ކުލަ ނޫން ކުލައަކަށް ވަކި އެއްޗެއް ބޭނުންކޮށްގެން ބަދަލުކުރުމުގެ ވިސްނުމަށް އޭނާ ތާއީދު ނުކުރާ ކަމަށެވެ.
ސުޝާންތު ވަނީ ދޮން ވާ ކްރީމް އަދި ފޭސްވޮޝް އިޝްތިހާރުތަކުން އޭނާ ދެން ނުފެންނާނެ ކަމަށް މިދިޔަ އަހަރު ވެސް ބުނެފައެވެ.
ފެއާނެސް ކްރީމްތައް އިޝްތިހާރު ކުރެވުނީތީ ދެރަވާކަމަށްބުނެ އެފަދަ އުފެއްދުންތައް އެންޑޯޒްކުރުން ހުއްޓައިލި އިތުރު ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި ނަވާޒުއްދީން ސިއްދީގީ ހިމެނެއެވެ.
ޒީ ޓީވީން ގެނެސްދިން "ޕަވިތުރަ ރިޝްތާ" އިން ބެލުންތެރިންގެ ލޯބި ހޯދި ސުޝާންތު ބޮލީވުޑަށް ނިކުމެފައިވަނީ ކައި ޕޯޗޭ އިންނެވެ. އެންމެ ފަހުން ސުޝާން ފެނިގެން ގޮސްފައިވަނީ "ރާބްތާ" އިންނެވެ. މިހާރުވެސް ދެތިން ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ އިރު ސައިފް އަލީ ހާންގެ ދޮށީދަތި ސާރާ އަލީހާން ބޮލީވުޑަށް ނިކުންނަ ފިލްމު "ކެދަރްނަތު" އިންވެސް ސުޝާންތު ފެންނާނެއެވެ.