12 Jan 2018, 21:04
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބު ވެލެންސިއާއަށް އޭޝިއާގެ ގޯލްކީޕަރެއްގެ އިތުރުން މުޅިން އައު ބިދޭސީ ތިން ކުޅުންތެރިން ގެންނަން ނިންމައިފިއެވެ.
އަންނަ ސީޒަނަށް ވެލެންސިއާގެ ކޯޗުކަމާއި ހަވާލުވި ސޮބާހު މުހައްމަދު (ސޮބާ) ބުނީ ޓީމު ވަރުގަދަ ކުރުމަށް އޭޝިއާގެ ރަނގަޅު ކީޕަރެއްގެ އިތުރުން ބިދޭސީ ފޯވާޑަކާއި ޑިފެންޑަރެއް، އަދި މިޑްފީލްޑަރެއް ޓީމަށް ގެންނާނެ ކަމަށެވެ.
ގިނަ އަދަދެއްގެ އައު ދިވެހި ކުޅުންތެރިންތަކެއްވެސް އަންނަ ސީޒަންގައި ވެލެންސިއާއިން ފެންނާނެ ކަމަށް ސޮބާ ވަނީ ބުނެފައެވެ. އެގޮތުން ކްލަބު އީގަލްސްގެ އަންސަރު އިބްރާހީމް (އަންކޮ)ގެ އިތުރުން ވެލެންސިއާގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާނާއި ވޭތުވެދިޔަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު މުހައްމަދު ކަރަމް އަދި ގްރީންގެ އިބްރާހިމް ހަސީބު ވެސް ވަނީ ރޭ ވެލެންސިއާއާ ގުޅިފައެވެ.
މީގެ އިތުރުންވެސް ކުރިއަށްއޮތް ދެ ދުވަސް ތެރޭގައި އިތުރު ލޯކަލް ކުޅުންތެރިންތަކެއް ވެލެންސިއާ ގުޅޭނެ ކަމަށް ސޮބާ ވަނީ ބުނެފައެވެ. އެގޮތުން ކްލަބު ގްރީން ސްޓްރީޓްސްގެ ފުލްބެކް މޫސާ ހަސަންގެ އިތުރުން މުހައްމަދު ނިޒާމް(ޕީކޭ) ވެސް އަންނަ ސީޒަންގައި ވެލެންސިއާއިން ފެންނާނެ ކަމަށް ސޮބާ ވަނީ ބުނެފައެވެ.
ވޭތުވެދިޔަ ސީޒަން ވެލެންސިއާއިން ނިންމާލީ މާލޭ ލީގުގެ ފުލުގައެވެ. 2016 ވަނަ އަހަރު އެފްއޭ ކަޕު ކާމިޔާބުކުރި ވެލެންސިއާއަށް އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުން ޖާގަ ލިބުނު ނަމަވެސް އެޓީމު ވަނީ އިންޑިއާގެ މޯހަން ބަގާންއާ ވާދަކޮށް ކޮލިފިކޭޝަންގެ ފަހު ބުރުން ކަޓައިފައެވެ.
މިދިޔަ ސީޒަންގައި ވެލެންސިއާއިން ފެނިގެންދިޔަ ބިދޭސީ ކުޅުންތެރިންނަކީ ޗިންޑާ ކަކާ، ޗިނޯންޔޭ ޕްރިންސް ޗިންޑާގެ އިތުރުން އޮމަޑޫ ގޮޑްފްރޭ ވެސްޓެވެ. ކުރިއަށްއޮތް ސީޒަންގައި އެ ތިން ކުޅުންތެރިން ވެލެންސިއާގެ ޓީމަކުން ނުފެންނާނެއެވެ.
ކުރިއަށްއޮތް ސީޒަނަށް އައު ކޯޗު ސޮބާއާއެކު ވެލެންސިއާގެ ތައްޔާރީތައް ފަށާފައިވާ އިރު، ވެލެންސިއާއަކީ ކުރިން ރާއްޖޭގެ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ވެލެންސިއާ ފެނިގެން ދިޔައީ ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ކުލަބެއްގެ ގޮތުގައެވެ.