އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑް ކުންފުނީގެ ފަސް އެކްސްކަވޭޓަރު ފަހުން ޑިއުޓީ ފައިސާ ދައްކަން ޖެހޭ ގޮތަށް ކަސްޓަމްސް އިން ދޫކޮށްފި އެވެ.

ކަސްޓަމްގެ ބޮންޑެޑް ވެއާ ހައުސްގައި ހުރި ހެވީ ލޯޑުގެ ވެހިކަލްތައް ދޫކުރިކަމުގެ ވާހަކަ ފުރަތަމަ ފެތުރިގެންދިޔައީ އެސްއެމްއެސްތަކުގެ ޒަރިއްޔާއިންނެވެ. އެކަން ކަސްޓަމްސް އޮފިޝަލަކު ވަނީ މިއަދު ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އޮފިޝަލް ވިދާޅުވީ، އެ ވެހިކަލްތައް އިއްޔެ ދޫކޮށްފައި ވަނީ 48 ގަޑިއިރުތެރޭ ފައިސާ ދައްކަން ޖެހޭ ގޮތަށް އިގުރާރުވުމަށް ފަހު ކަމަށާއި އެގޮތަށް ދޫކުރަން ޖެހުނީ އެވެހިކަލްތަކަކީ ސާކު ސަމިޓަށް ބޭނުންވާ މަސައްކަތްތަކެއް ކުރުމަށް އައްޑޫއަށް ވަގުތުން ގެންދަން ޖެހޭ ވެހިކަލްތަކަކަށްވާތީ ކަމަށެވެ. މުއްދަތުގެ ތެރޭ ފައިސާ ނުދައްކައިފި ނަމަ އެކުންފުނި ބްލެކް ލިސްޓް ވާނެ ކަމަށާއި އަދި އެ މައްސަލަ ކޯޓަށް ވެސް ހުށަހެޅޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ހެވީލޯޑުން އެ ވެހިކަލްތަކުގެ ޑިއުޓީއަށް ދައްކަން ޖެހެނީ ކިހާ ވަރެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

މީގެ ކުރިން ވެސް ކަސްޓަމުން ވާނީ ފަހުން ޑިއުޓީ ދައްކަން ޖެހޭ ގޮތަށް ގާނޫނުގައިވާ ގޮތުން އެކި ފަރާތްތަކަށް މުދާ ދޫކޮށްފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ ތަންތަނުގެ ނަމެއް ކަސްޓަމްސްގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.

ކަސްޓްސް ގާނޫނުގައިވާ ގޮތުން އިމްޕޯޓް ޑިއުޓީ އަށް ވާ ފައިސާ ދައްކައި ނިމެންދެން އިމްޕޯޓް ކުރާ މުދަލެއް ކަސްޓަމްސް އަށް ހިފެހެއްޓޭނެ އެވެ.