ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ވިއްކާ އަގު 70 ޑޮލަރަށް މައްޗަށް ޖެހިލައިފިއެވެ. މިއީ ތިން އަހަރެއްހާ ދުވަސް ތެރޭގައި ތެލުގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.

ސާފު ނުކުރާ ތެލުގެ އަގު ބޮޑުވެގެން މި ދިޔައީ، ތެލުގެ ސަޕްލައި ލިމިޓުކުރުމަށް އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް)ގެ މެމްބަރު ގައުމުތަކުން ނިންމާފައި ވަނިކޮށެވެ. އޯޕެކްގައި ހިމެނެނީ ދުނިޔޭގައި އުފައްދާ ތެލުގެ 40 ޕަސަންޓަށް ހިއްސާވާ 14 ގައުމެކެވެ.

އޯޕެކްގެ ރައީސް، ޔޫއޭއީގެ ތެލާ ބެހޭ ވަޒީރު ސުހައިލް އަލް މަޒްރޫއީ ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އޯޕެކްގެ ގައުމުތަކުން އުފައްދާ ތެލުގެ މިންވަރު ލިމިޓުކުރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ތެޔޮ ފީފާއެއްގެ އަގު 50 ޑޮލަރަށް ވުރެ ވެސް ދަށަށް ވެއްޓިފައި އޮތް އިރު، އޯޕެކްގެ އިތުރުން ރަޝިއާ ފަދަ ތެޔޮ އުފައްދާ ގައުމުތަކުން ވަނީ، ތެލުގެ އަގު ރަނގަޅުކުރުމަށްޓަކައި ތެޔޮ އުފެއްދުން މަދުކުރުމާ ބެހޭ އެއްބަސްވުމަކަށް އަންނާނެ ކަމަށެވެ.

ކްރޫޑު އޮއިލް ފީފާއެއް 70 ޑޮލަރަށް އިއްޔެ ބޮޑުވެފައިވާ އިރު، ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް ވުރެ މައްޗަށް އެންމެ ފަހުން އަރާފައި ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.