ވެލެންސިއާއިން އަންނަ ސީޒަނަށް ހީނުކުރާ ވަރުގެ ވަރުގަދަ ޓީމެއް ނެރޭނެ ކަމަށާއި، ކޯޗިން ކެރިޔަރުގައި އަނެއްކާވެސް މި ނުކުންނަނީ ބޮޑު ޗެލެންޖަކަށް ކަމަށް އަންނަ ސީޒަނުގައި ކްލަބު ވެލެންސިއާގެ ކޯޗުކަމާ ހަވާލުވި ސޮބާހް މުހައްމަދު (ސަޮބާ) ބުނެފިއެވެ.

ވެލެންސިއާގެ ކޯޗުކަމާ ހަވާލުވި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާ، "ސަން ސްޕޯޓްސް"އަށް މައުލޫމާތުދެމުން ބުނީ އަންނަ ސީޒަންގައި ވެލެންސިއާ ފެނިގެންދާނީ ވަރުގަދަ ސުކޮޑަކާއެކު ކަމަށާއި، މިހާރުވެސް ގިނަ ކުޅުންތެރިންތަކެއް އެޓީމާ ގުޅިފައިވާ ކަމަށެވެ.

ހީނުކުރާ ވަރުގެ ސުކޮޑެއް ފެނިގެންދާނެ ވެލެންސިއާއިން، މިހާރުވެސް ގިނަ ކުޅުންތެރިންތަކެއް ޓީމާ ގުޅިއްޖެ. އަދި ކުރިއަށް އޮތް ދެ ދުވަސްތެރޭ އިތުރު ކުޅުންތެރިންތަކެއް ފެންނާނެ،

ވޭތުވެދިޔަ ސީޒަންގައި ސޮބާ ގްރީނަށް އިރުޝާދު ދެނީ ---ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ސީޒަނަށް ވެލެންސިއާއާ ގުޅުނު ކުޅުންތެރިން ރޭ އެޓީމުން އިއުލާން ކޮށްފައިވާ އިރު، އެ ކުޅުންތެރިންނަކީ ކްލަބު އީގަލްސްއިން ވިދާލި އަންސަރު އިބްރާހީމް (އަންކޮ)ގެ އިތުރުން ވެލެންސިއާގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާނާއި ވޭތުވެދިޔަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު މުހައްމަދު ކަރަމް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޒުވާން ކުޅުންތެރިޔާ އިބްރާހިމް ހަސީބެވެ.

މީގެ އިތުރުންވެސް ވޭތުވެދިޔަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓަސްއަށް ކުޅުނު މޫސާ ހަސަން އަދި މުހައްމަދު ނިޒާމް (ޕީކޭ)ވެސް ވަރަށް އަވަހަށް ވެލެންސިއާއާ ގުޅޭނެ ކަމަށް ސޮބާ ބުންޏެވެ.

ވެލެންސިއާގައި މިވަގުތު ހުރި އެންމެ ސީނިއާ ކުޅުންތެރިޔާ، މުހައްމަދު ޝިފާން (ކުޑައްޓޭ) ވަނީ އަންނަ ސީޒަންގައިވެސް އެޓީމުގައި މަޑުކުރުމަށް ނިންމައިފައެވެ.

ވެލެންސިއާގެ ކޯޗުކަމާ ހަވާލުވި ސޮބާ ބުނީ ވެލެންސިއާ މިވަގުތު އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށާއި، އަންނަ ސީޒަންގައި ކުރިއަށް ޖެހިލުމަށް އަނެއްކާވެސް މަސައްކަތް ކުރާނެ ކަމަށެވެ.

"ވެލެންސިއާ އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން. އެހެން ނަމަވެސް ވެލެންސިއާ ރަނގަޅު ވާތަން ބަލަން ވަރަށް ގިނަ ބަޔަކު އެބަ ބޭނުންވޭ. އެހެންވީމަ އެ ޗެލެންޖުގައި މި ނުކުންނަނީ. ގްރީންއާއެކު ސީޒަން ނިންމާލީވެސް ކާމިޔާބުކޮށް. އެއީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން. އަނެއްކާވެސް މަސައްކަތް ކުރާނަން،" ސޮބާ ބުންޏެވެ.

ވެލެންސިއާއަށް މިދިޔަ ސީޒަންގައި ކުޅުނު ކީޕަރު މުހައްމަދު ފައިސަލް އަންނަ ސީޒަންގައި ނިއުއަށް ކުޅުމަށް އެއްބަސްވެފައިވާ އިރު، އެ ޓީމުގެ ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ) ވެސް ވަނީ ނިއުއަށް ބަދަލުވެފައެވެ. ވެލެންސިއާއަށް މާލޭ ލީގުގައި ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.