12 Jan 2018, 13:17
އުއްމަތުގެ ޒުވާނުންގެ ލޭގެ ތެރޭގައި އިލްމާއި މައުރިފާ ދައުރުކުރަން ފެށުމުން އިލްމުގެ ނޫރުގެ ކުރިމަތީގައި ޖާހިލުކަން އިނދަޖެހިގެން ދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި "ދިރާސީ އައު އަހަރު" މި މައުޟޫއުގެ ދަށުން އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ގައުމުގެ މުސްތަގުބަލު އުޖާލާވާނީ ކުދިންގެ އަހުލާގު ވެސް އެގޮތަށް ބައްޓަންކޮށްގެން ކަމަށެވެ.
ހުތުބާގައި ބުނެފައިވަނީ ގައުމުގެ ކުރިމަގު ބައްޓަންކޮށް އާރާސްތު ކުރަން ތިބި ދަރިން އެކަމަށް ބޭނުންވާ ތަރުބިއްޔަތާއި ތައުލީމާއި ތަމްރީނު ހޯދުމަށް ގެއިން ނުކުމެގެންދާ މަންޒަރު ތަސައްވަރުކޮށްދެނީ ގައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި ގައުމު ބިނާކުރުމުގައި އެންމެންގެ ބައިވެރިވުން އޮތް މިންވަރު ކަމަށެވެ.
އިސްލާމް ދީނުގައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ މައްޗަށް ބާރު އަޅާ މިންވަރު ބަޔާންކޮށް، ހުތުބާގައި ބުނެފައި ވަނީ ދަރިންނަށް އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ ގައުމުގެ ބިންގާ ހަރުދަނާކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގައި އެކަމުގައި ގާއިމުވެ ތިބި މީހުންނަށް ސަވާބާއި ދަރުމަ މާތްﷲ ދެއްވާނޭ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ހުތުބާގައި، މި ފެށޭ ދިރާސީ އާ އަހަރުގައި އިލްމީ ރޮނގުން އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ހުރިހާ ކިޔަވާ ކުދިންނަށް ވަނީ ގޮވާލާފައެވެ.
"އިލްމީ ގޮތުން ފޮނި ނަތީޖާ ތިޔަކުދިނަށް ނެރެވޭނީ ހުރިހާ ކަމެއްގައި މަދަރުސާއާއެކު އެއްބާރުލައިގެން. މަދަރުސާގެ ގަވާއިދުތަކަށް ބޯ ލަނބައިގެން. މަދަރުސާގެ އެންމެހާ އެއްޗެއްސަށް ރައްކާތެރިވެގެން." ހުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ހުތުބާގައި ދަރިވަރުން އިލްމު އުނގެނުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ރޯލަށް ވަރަށް ބޮޑަށް ވަނީ އަލިއަޅުވާލައިފައެވެ.