ގދ. ތިނަދޫގެ ހޮޓަލެއް ފަޅާލައި 12000ރ. އަށް ވުރެ ގިނަ ރުފިޔާގެ ސާމާނު ވަގަށް ނަގައިފި އެވެ.

ރޭ އިރާކޮޅު ފަޅާލާފައި ވަނީ މަރާމާތު ކުރުމަށް ބަންދުކޮށްފައި ހުރި ހޮޓަލެކެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ހޮޓަލަށް ވަގުން ވަދެފައި ވަނީ ހޮޓަލުގައި އިތުރު ކުރަމުންދާ ބައެއްގައި ހަދާފައި ހުރި ދޮރު ހަލާކު ކޮށްލައިގެން ކަމަށެވެ.

އަދި އެތަނުން ވަގަށް ގެންދިޔަ ތަކެތީގެ ތެރޭ އެތަނުގައި މަސައްކަތް ކުރުމަށް ގެންގޮސްފައި ހުރި ބޮޑު ބުރުމާ އަކާއި ކުޑަ ބުރުމާއެއްގެ އިތުރުން ގްރޭންޑަރަކާއި ދެ މަސް ކޭސް ނަގާފައިވާ ކަމަށެވެ. އަދި އެތަކެތީގެ އަގު 12000ރ. އަށް ވުރެ އިތުރު ވާނެ ކަމަށް ތިނަދޫން މައުލޫމާތު ދެ އެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ހޮޓާ ބަންދުކުރީ އެތަން އިތުރަށް ތަރައްގީ ކުރުމަށް މި ރޯދަ މަހު ކަމަށެވެ.

ހޮޓަލުގެ ހިދުމަތް ދޭތާ 15 އަހަރުވެފައިވާ އެ ހޮޓާ ހަ ފަހަރެއްގެ މަތިން ފަޅާލައި ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ސާމާނު ވަގަށް ގެންގޮސްފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި ރޯދަ މަސް ފެށުނު ފަހުން ތިނަދޫގެ ތިން ފިހާރައެއް ފަޅާލާފައިވާ އިރު އެ ރަށުގެ ހަތަރު ގެއަކުން ވައްކަން ކޮށްފައިވާ ކަމަށް ވެސް ތިނަދޫ މީހުން ބުންޏެވެ.

ފަހަކަށް އައިސް ތިނަދޫގައި ހިންގާ ވައްކަންތައް އިތުރުވެފައިވާ އިރު މިހާތަނަށް އެއިން އެއްވެސް މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ކަށަވަރު ކޮށެއްނުދެ އެވެ.