އައްޑޫ ސިޓީގެ ފޭދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖަކު މާލެ ގެންނަނަން ނިންމައިފިއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 23:00 ހާއިރު ލިންކް ރޯޑުގައެވެ.

ހާދިސާ ހިނގި ތަނުގައި ހުރި މީހަކު "ސަން"އަށް ކިޔައިދިންގޮތުގައި އެކްސިޑެންޓް ވެފައިވަނީ ފޭދޫ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެހާދިސާ ހިނގަން މެދުވެރިވީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ބިދޭސީއެއްގެ ގައިގައި ޖެހިގެން ކަމަށް އޭނާ ބުންޏެވެ.

އެ ހާދިސާގައި އަނިޔާވި ތިން މީހުންވެސް އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ފޭދޫ ސިއްހީ މަރުކަޒަށެވެ. ފަހުން އިތުރު ފަރުވާއަށް ތިން މީހުންވެސް ވަނީ ހިތަދޫ ރީޖިނަލް ހޮސްޕިޓަަލަށް ބަދަލުކޮށްފައެވެ.

މިރޭގެ އެކްސިޑެންޓާ ގުޅިގެން ބޮޑަށް އަނިޔާ ލިބުނީ 16 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

އެކުއްޖާގެ ހާލު ސީރިއަސް ހާލު ސީރިއަސް ކަމަށާއި އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވިއެވެ.

އެކުއްޖާގެ ބޮލަށް ލިބިފައިވާ ޒަޚަމް ތަކުގެ ތަފްސީލް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފައެވެ.