12 Jan 2018, 10:19
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވަނީ އިޖުތިމާއީ ކަންކަމުން ރައްޔިތުންގެ ލޯބި ހޯއްދަވާފައި ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް މެޑަމް ފާތުން ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ އެއަތޮޅު މަތިވެރީގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުރޫފް ވިދާޅުވީ ކޮންމެ ރަށަކަށް މެޑަމް ފާތުން ވަޑައިގަތަސް އެކަމަނާއަށް ގިނަ އަދަދެއްގެ ރައްޔިތުން މަރުހަބާ ކިޔާ ކަމަށެވެ.
"އައްޑޫ ސިޓީއަށް އެކަމަނާ ވަޑައިގަތަސް އަދި އއ. އަތޮޅަށް އެކަމަނާ ވަޑައިގަތަސް އެތަކެއް ރައްޔިތުން މަރުހަބާ އެބަ ކިޔާ. މިއަދު ފަސްޓްލޭޑީގެ ދައުރު މިއޮތީ އިޖުތިމާއީ ކަންކަމުގައި. މެޑަމް ފާތުން ވަނީ އިޖުތިމާއީ ކަންކަމުން ރައްޔިތުންގެ ލޯބި ހޯއްދަވާފައި،" މައުރޫފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މައުރޫފް ވިދާޅުވީ މެޑަމް ފާތުން މިހާރު ކުރައްވާ މަސައްކަތްތަކަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކުރުމުގެ މަސައްކަތް ކަމަށެވެ.
މައުރޫފްގެ ވާހަކަފުޅުގައި ވަނީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރާއެކު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ކޯލިޝަން ހެދި ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި އެ ކޯލިޝަން ވަނީ ރޫޅިފައި ކަމަށެވެ. އެ ކޯލިޝަން ރޫޅުމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއް ލިބުނު ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
ދެހާސް ތޭރަ ވަނަ އަހަރު ޕީޕީއެމްއާ އެކު ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ހެދި ކޯލިޝަން ވެސް ވަނީ ރޫޅިފައި ކަމަށާއި އެއީ އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެން އުޅެވޭނެ ޕާޓީތަކެއް ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މައުރޫފް ވިދާޅުވީ އިގްތިސޯދީ ގޮތުން އެމަނިކުފާނު ވަނީ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނަވާފައި ކަމަށެވެ.
ދިގު މުއްދަތެއްގައި ފައިސާ ދައްކާގޮތަށް ބޭރުގެ މާލީ އިދާރާތަކުން ކުޑަ އިންޓްރެސްޓަކާ އެކު ރާއްޖެއަށް ލޯނު ދޫކޮށްފައިވާ ކަމަށާއި އެފަދަ ލޯނުތައް އެމްޑީޕީ ސަރުކާރަށް ނުލިބުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ލޯނު ދެއްކޭނެ ގޮތްތައް ރައީސް ޔާމީންގެ ވިސްނުންފުޅުގައި ހުރީމަ އެ މަސައްކަތް އެކުރައްވަނީ. މި ސަރުކާރުގައި ލޯނު ދެއްކޭނެ ގާބިލްކަން އެބަހުރި،" މައުރޫފް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ރައީސް ޔާމީން ބޮޑު ބަދަލެއް ގެންނަވާފައިވާ ކަމަށާއި އެނބޫދޫފަޅުގައި ހިންގާ ފަތުރުވެރިކަމުގެ މަޝްރޫއަކީ ޚާއްސަކޮށް ފާހަގަކޮށްލެވޭ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެނބޫދޫ ފަޅު ތަރައްގީވެގެން ދިޔައިމަ 800 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް މި އަންނަނީ. ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ރައީސް ޔާމީން ވަނީ ގެންނަވާފައި،" މައުރޫފް ވިދާޅުވިއެވެ.