އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)އިން ބާއްވާ އޭޝިއާގެ 14 އަހަރުން ދަށު އަދި ޔޫ ޑިވަލޮޕްމަންޓް މުބާރާތުގެ ދެވަނަ ޑިވިޝަންގައި ބައިވެރިވި ދިވެހި ކުޅުންތެރިން ރަނގަޅު ނަތީޖާތަކެއް ނެރެފިއެވެ.

ވިއެޓްނާމްގެ ހޮޗިމިންހް ސިޓީގައި މިހާރު ކުރިއަށްދާ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ޖުމްލަ ހަ ކުޅުންތެރިންނެވެ. އެއީ ފިރިހެން ތިން ކުޅުންތެރިންނާއި އަންހެން ތިން ކުޅުންތެރިންނެވެ.

އަންހެން ސިންގަލްސްގެ ފުރަތަމަ މެޗުގައި ރާއްޖޭގެ އައިޝަތު ތާރާ ނައީމް ވަރުގަދަ ކިރްގިސްތާނުގެ ކުޅުންތެރިއެއް އަތުން ބަލިވިނަމަވެސް، މި ކެޓަގަރީގެ އަންހެން ޑިވިޝަންގައި ރާއްޖޭގެ ލަޔާން މުހައްމަދު ޝާމިން ވަނީ ސީދާ ދެސެޓުން ކެމްބޯޑިއާގެ ކުޅުންތެރިޔަކު ބަލިކޮށްފައެވެ.

އަންހެން ސިންގަލްސްގެ ތިންވަނަ މެޗުގައި ރާއްޖޭގެ ސާރާ އަހުމަދު އަކްރަމް ބަލިވިއިރު، ފިރިހެން ސިންގަލްސްގައި ރާއްޖޭގެ މުހައްމަދު ނާމިގު ޝާހިދުވަނީ މިޔަންމާގެ ކުޅުންތެރިއެއްގެ އަތުން ބަލިވެފައެވެ. އެ ދެ މެޗުގައިވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުންވަނީ ރަނގަޅު "ފައިޓެެއް" ދީފައެވެ.

ފިރިހެން ސިންގަލްސްގެ މެޗުތަކުގައި ރާއްޖޭގެ ރައްޔާން ޔޫސުފް ރިޒާ އަދި ރައުދަކު މައުމޫން ވެސް ވަނީ ކުޅުނު މެޗުން ބަލިވެފައެވެ. ނަމަވެސް ރައުދަކު މައުމޫން ވަނީ ލާއޯސްގެ ކުޅުންތެރިއާ ވާދަކޮށް ސެޓެއް ގެންގޮސްފައެވެ.

އެ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ ސާރާ އާއި ތާރާ ވަނީ ސީދާ ދެ ސެޓުން ވިއެޓްނާމްގެ ޑަބަލްސް ޕެއާ އަތުން ބަލިވެފައެވެ.

އައިޓީއެފް ޗެމްޕިއަންޝިޕަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ އިންޓަނޭޝަނަލް ޓެނިސް ފެޑަރޭޝަނުން އޭޝިއާގެ ފުރުތަމަ ޑިވިޝަނަށް ކުދިން ހޮވުމަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ލެވެލްއަށް ބަލައި ރާއްޖޭގެ ކުދިން ނެރުނު ނަތީޖާއާއި ދެއްކި ކުޅުން ރަނގަޅު ކަމަށް ފާހަގަ ކުރެވެއެވެ.