12 Jan 2018, 10:27
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިލެކްޝަން އޮބްޒާވާ މިޝަން އާ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ބައްދަލު ކުރައްވައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި ވަފްދުގެ އިސް ވެރިއަކަށް ހުންނެވީ ރާއްޖެއަށް އީޔޫ އިން ކަނޑައަޅާފައިވާ އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ކުރީގެ އިސް އޮބްޒާވަރު، މެމްބަރ އޮފް ޔޫރަޕިއަން ޕާލަމަންޓް އެޑްވާޑް ކުކަންއެވެ.
އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތަކުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. އީޔޫގެެ ވަފުދުން ރާއްޖެއަށް ކުރާ މި ޒިޔާރަތަކީ 2014 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބަށްފަހު އެ އިންތިހާބު އޮބްޒާވް ކުރަން ރާއްޖެ އައި ވަފުދުން ހުށަހެޅި ކަންތައްތައް ތަންފީޒު ކުރޭތޯ ބެލުމަށް ކުރި ދަތުރެކެވެ.
އީޔޫގެ އިލެކްޝަން އޮބްޒާވާ މިޝަންގެ ވަފުދެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު އީޔޫގެ ވަފުދެއް ހޮނިހިރު ދުވަހުވެސް ރާއްޖެ ޒިޔާރަތް ކުރާނެއެވެ.
މި ވަފުދުގައި އެންމެ އިސްބޭފުޅަކަށް ހުންނަވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ފޯރ އޭޝިއާ ޑިޕާޓްމެންޓް ޕައޮލާ ޕަމްޕަލޯނީއެވެ. އޭނާއާއެކު ވަފުދުގައި ހިމެނެނީ އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިސްވެރިޔާ ޓުންގް ލައި މާގްއާއި، އީއީއޭއެސްގެ ސައުތު އޭޝިއާ ޑިވިޝަނުގެ އިސްވެރިޔާ ކެރޮލައިން ވިނޮޓްއެވެ.
އީޔޫއިން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ރާއްޖެއަށް އެ އިއްތިހާދުގެ އިސްވެރިންގެ ވަފުދުން ކުރާ ދަތުރުގައި، ހޯމް މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، އެންވާރަމެންޓް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރާއި، ބަންޑާރަނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރާނެއެެވެ. އަދި ރާއްޖޭގެ މައި ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްއިއްޔާތަކުގެ މަންދޫބުންނާވެސް ބައްދަލުކުރާނެ ކަމަށް އީޔޫ އިން ބުންޏެވެ.
މި ޒިޔާރަތަކީ އީޔޫއާއި ރާއްޖެއާ ދެމެދު އޮތް މަޝްވަރާތަކާއި އެއްބާރުލުން ދަމަހައްޓައި، ކުރިއެރުމަށްޓަކައި ކުރާ ޒިޔާރަތެއް ކަމަށް އީޔޫ އިން ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް އީޔޫގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެ ޒިޔާރަތުގައިވެސް ރާއްޖޭގެ ސިޔާސީ ހާލަތާ ބެހޭގޮތުން އީޔޫއިން ވަނީ މައުލޫމާތު އޮޅުން ފިލުވައިފައެވެ.