ސްޕޯޓްސް ކޯޕަރޭޝަނުން ބާއްވާ "މައިލްސް ފޯ ސްމައިލްސް" ޗެރިޓީ ދުވުމުގައި ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެދުވުން ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުގެ 4:30 އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ހަވީރު 4:30އާ ހަމައަށް މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކްގައެވެ.

ސައުވީސް ގަޑިއިރަށް ކުރިއަށްދާ "މައިލްސް ފޯ ސްމައިލްސް" ޗެރިޓީ ދުވުމުގައި ގިނަ ބަޔަކު ބައިވެރިވަމުންދާއިރު، ދުވުން އިންތިޒާމްކުރާ ސުޕޯޓްސް ކޯޕަރެޝަންއިން ބުނެފައިވަނީ ޖެންޑާ މިނިސްޓަރުގެ އިތުރުން ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

"މައިލްސް ފޯ ސްމައިލްސް"ގައި ދުވާ ބައެއް ފާހަގަ ކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި ސުވިމިން ރެކޯޑު ހޯލްޑަރު ސަޖަން ޝާހިދުގެ އިތުރުން ޗެސް ފެޑަރޭޝަންގެ ބައިވެރިން އަދި ގޭމާސް އެސޯސިއޭޝަންގެ ބައިވެރިންް ހިމެނެއެވެ.

މީގެއިތުރުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިތުރުން ބައިކް މޯލްޑިވްސްގެ މެމްބަރުންވެސް "މައިލްސް ފޯ ސްމައިލްސް"ގައި ދުވާނެ ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން ބުންޏެވެ.

"މައިލްސް ފޯ ސްމައިލްސް" ގައި 24 ގަޑިއިރު ދުވުމަށް ހަމަޖެހިފައިވަނީ އިބްރާހިމް ސާއިދު އަލީއެވެ. ސާއިދަކީ ދިގު ދުވުންތައް ދުވުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މަޝްހޫރު ދުވުންތެރިއެކެވެ. އެ ދުވުމުގައި ދެން ދުވާ މީހުންނަކީ ސާއިދުއަށް ހިތްވަރު ދިނުމުގެ ގޮތުން ދުވާ ބައެކެވެ.

"މައިލްސް ފޯ ސްމައިލްސް"ގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.