12 Jan 2018, 10:32
ދެހާސް އަށްވަނަ އަހަރު ފްރާންސްގެ ލަަވާލްއިން އާސެނަލްއާ ގުޅުނު ފްރާންސިސް ކޮކިލާން ސްޕެއިންގެ ވެލެންސިއާއަށް ބަދަލުވެއްޖެއެވެ.
ކޮކިލާން އާސެނަލް ދޫކޮށް ވެލެންސިއާއަށް ބަދަލުވިކަން އާސެނަލްއިން ޔަގީންކޮށްދީފައިވާއިރު، ޓްރާންސްފާގެ ހުރިހާ ލިޔެކިއުމެއްގެ މަސައްކަތް ނުނިމޭތީ އާސެނަލްއިން ކޮކިލާންގެ އަގު ހާމަކޮށްފައެއް ނުވެއެވެ.
އާސެނަލްއަށް ޒުވާން އުމުރުގައި ކުޅުނު ކޮކިލާން، އޭނާގެ އާސެނަލް ކެރިއަރުގެ ކުރީ ކޮޅު ހޭދަކުރީ ލޯންގައެވެ. ނަމަވެސް ފަހަކަށް އައިސް ކޮކިލާން ވެފައިވަނީ އާސެނަލްގެ ފުރަތަމަ 11 އިން ޖާގަ ހޯދަމުން އަންނަ ޓީމުގެ މުހިންމު ކުޅުންތެރިއަކަށެވެ.
ކޮކިލާންއަކީ އާސެނަލްއިން 2015 ވަނަ އަހަރު އަދި މިދިޔައަހަރު އިނގިރޭސި އެފްއޭ ކަޕު އުފުލާލި ސުކޮޑުގައި ހިމެނުނު މުހިއްމު ކުޅުންތެރިއެކެވެ.
މިހިނގާ ޓްރާންސްފާ ސީޒަންގައި އާސެނަލްއިން ވަނީ ގްރީސްގެ ޒުވާން ޑިފެންޑަރެއް ކަމަށްވާ އުމުރުން 20 އަހަރުގެ ކޮންސްޓެންޓީނޯސް މަވްރެޕާނޯސް އެޓީމަށް ގެނެސްފައެވެ.
ނަމަވެސް މީޑިއާގައި އެންމެ ވަރުގަދައަށް އަޑު ފެތުރިފައިވަނީ އާސެނަލްގެ ތަރި އެލެކްސިސް ސަންޗޭޒް މި ހިނގާ ޓްރާންސްފާ ސީޒަންގައި އާސެނަލް ދޫކޮށްލާނެ ކަމުގެ ވާހަކައެވެ. މެންޗެސްޓާ ސިޓީއާއި އެ ކްލަބުގެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުންވެސް ދަނީ އާސެނަލްގެ ސަންޗޭޒް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.