12 Jan 2018, 11:46
ކްލަބު ވެލެންސިއާގެ ކޯޗަކަށް ސޮބާހް މުހައްމަދު (ސޮބާ) ހަމަޖައްސައިފިއެވެ.
ވެލެންސިއާގެ ކޯޗުކަމާ ހަވާލުވިކަން ސޮބާ ވަނީ "ސަން ސްޕޯޓްސް" އަށް ކަށަވަރު ކޮށްދީފައެވެ.
ސޮބާ ވަނީ ވޭތުވެދިޔަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްއާއެކު މާލޭ ލީގުގެ ގަދަ ހަތަރެއްގައި ހިމެނި، ދިވެހި ޕްރިމިއާ ލީގުގައި ވެސް އެޓީމަށް އިރުޝާދު ދީފައެވެ. ނަމަވެސް ސީޒަން ނިމުމާއެކު ސޮބާ ވަނީ އެޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފައެވެ.
ސޮބާއާއެކު ގްރީންގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ފަރީދު މުހައްމަދު ވެސް ވަނީ ވެލެންސިއާގެ ކޯޗިން ޓީމާ ގުޅިފައެވެ. މީގެ އިތުރުން ސޮބާއާއެކު ވެލެންސިއާގެ ކޯޗިން ޓީމުގައި ދެން ހަރަކާތްތެރިވާނީ މިދިޔަ ސީޒަންގައި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން ބޭންޑް އެޅި އަލީ ޝަރީފް (އައްޔަ) އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ސޮބާގެ ކޯޗިން ކެރިޔަރު ފުރަތަމަ ފެށީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ޕްރެޒިޑެންޓްސް 2015ގައި ސޮބާ ނިއުއަށް އިރުޝާދު ދިން އިރު، އޭނާ ވަނީ އެ މުބާރާތުގެ ރަނަރަޕްކަން އެ ކްލަބަށް ހޯދައިދީފައެވެ.
ވޭތުވެދިޔަ ސީޒަންގެ ތެރޭގައި ސޮބާ ވަނީ ސްޕެއިންގެ ވަރުގަދަ ފުޓުބޯޅަ ކުލަބު ބާސެލޯނާގެ، ޓޯވޯ އެކަޑެމީގެ ތަމްރީންތަކެއްވެސް ފުރިހަމަ ކޮށްފައެވެ. އަދި މިމަހުގެ ކުރީކޮޅުގައި ސޮބާ ވަނީ އޭނާގެ އޭއެފްސީ ބީ ލައިސަންސް ކޯޗިން ކޯސް ފުރިހަމަކޮށްފައެވެ.
ވެލެންސިއާއިން މި ސީޒަނަށް ތައްޔާރީތައް ފަށާފައިވާ އިރު، ނިމިދިޔަ ސީޒަން ވެލެންސިއާއިން ނިންމާލީ މާލޭ ލީގުގެ ފުލުގައެވެ. 2016 ވަނަ އަހަރު އެފްއޭ ކަޕު ކާމިޔާބުކުރި ވެލެންސިއާއަށް އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުން ޖާގަ ލިބުނު ނަމަވެސް އެޓީމު ވަނީ އިންޑިއާގެ މޯހަން ބަގާންއާ ވާދަކޮށް ކޮލިފިކޭޝަންގެ ފަހު ބުރުން ކަޓައިފައެވެ.