ބްރެޒިލް ލީގުގެ ޕަލްމޭރާސްއަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މިނާ ބާސެލޯނާއާ ގުޅިއްޖެއެވެ.

ބާސެލޯނާއިން ޔެރީ މިނާގެ ސޮއި ހޯދާފައިވަނީ 11.8 މިލިއަން ޔޫރޯގެ އަގަކަށެވެ. ކޮލަންބިއާގެ ގައުމީ ޓީމަށް ނުވަ މެޗު ކުޅެދީފައިވާ 23 އަހަރުގެ ޔެރީ މިނާ ބާސާއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

ކޮލަމްބިއާގެ ފުރަތަމަ ޑިވިޝަން ކުލަބެއް ކަމަށްވާ ސަންޓާ އެފްއީން ޕްރޮފެޝަނަލް ކެރިއާ ފެށި ޔެރީ މިނާވަނީ 2016 ވަނަ އަހަރު ބްރެޒިލްގެ ޕަލްމޭރާސްއާ ގުޅިފައެވެ. ޕަލްމޭރާސްގެ ސެންޓްރަލް ޑިފެންޑަރުގެ ރޯލުގައި ޔެރީ މިނާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވޭތުވެދިޔަ ސީޒަންގައި އެޓީމަށް 28 މެޗު ކުޅެ ހަ ގޯލް ޖަހައިފައިވެއެވެ.

ޔެރީ މިނާއަކީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައިވެސް ބާސާއިން ހޯދަން މަސައްކަތް ކުރި ކުޅުންތެރިއެކެވެ. ބާސަލޯނާއަށް 2010 ވަނަ އަހަރުން ފެށިގެން ކުޅުމުން އަންނަ ޑިފެންޑަރު ހާވިއާ މެޝެރާނޯ މި ޓްރާންސްފާ ސީޒަންގައި ކްލަބު ދޫކޮށްލަން ނިންމާފައިވާއިރު، ޔެރީ މިނާގެ ޓްރާންސްފާއަކީ އޭނާގެ މަގާމު ފޫބެއްދުމަށް ބާސާއިން ގެނައި ކުޅުންތެރިއެއް ކަމަށް ބެލެވެއެވެ.

މި ސީޒަންގައި މެޝެރާނޯ ކުޅެފައިވަނީ ހަ މެޗެވެ. ބާސާގެ ފުރަތަމަ 11 އިން އާއްމުކޮށް ފެންނަ ޑިފެންޑަރު ސަމިއުލް އުމިޓިޓީ އަނިޔާގައި ހުރި ނަމަވެސް، އޭނާ ނެތްތައް ފޫބެއްދުމަށް ބާސާ ކޯޗު ވަލްވާޑޭ ބޭނުން ކުރަމުންދަނީ އާސެނަލްއިން ބާސާއާ ގުޅުނު ތޯމަސް ވެމާލެންއެވެ.

ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސާގެ ނޭމާ، ޕީއެސްޖީއަށް ބޮޑު އަގުގައި ބަދަލުވެފައިވާއިރު، މި ހިނގާ ޓްރާންސްފާ ސީޒަންގައި ބާސާއިންވަނީ ލިވަޕޫލްގެ ފިލިޕް ކުޓީނިއޯ އެޓީމަށް ގެނެސްފައެވެ. ކުޓީނިއީ ބާސާއާ ގުޅުނީ 142 މިލިއަން ޕައުންޑުގެ އަގެއްގައެވެ.