ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތްފަހުން އޭނާގެ އެއްވެސް ރިސޯޓަކުން ޓީ ޖީއެސްޓީ ނުދައްކާ ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޗެނަލް13 ގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝައިނީ ރޭ ވިދާޅުވީ ގާސިމް ބޭސްފަރުވާއަށް ފުރާވަޑައިގަތްފަހުން އޭނާ އެއްވެސް ރިސޯޓަކުން ޓީ ޖީއެސްޓީ ނުދައްކާއިރު ރައްޔިތުންނަށް ދައްކަން ޖެހޭ 200 މިލިއަން ޑޮލަރު ވެސް އަދި ދައްކަވާފައިނުވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ އިދިކޮޅު ލީޑަރުން ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކަނީ އެ ބޭފުޅުން ކޮށްފައި ހުރި ކަންކަން ފޮރުވުމަށް ކަމަށެވެ.

"ރައްޔިތުންނަށް ދައްކަން ޖެހޭ 200 މިލިއަންޑޮލަރު އަދިވެސް ނުދައްކާ. ފުރައިގެން ދިޔަ ފަހުން އެއްވެސް ރިސޯޓަކުން ޓީ ޖީއެސްޓީވެސް ނުދައްކާ،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ މިހެން ވިދާޅުވިއިރު ވިލާގެ އެކި ކުންފުނިތަކުން ޖުމްލަ 186.95 ޑޮލަރު ހޯދުމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންވަނީ ދައުވާކޮށްފައެވެ.

ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އޮގަސްޓް 25 ވަނަ ދުވަހުގެ ރޭއެވެ. ހުކުމް ކުރިތާ މާގިނަ ދުވަސް ތަކެއް ނުވެ ދައުލަތުގެ ހުއްދައާ އެކު ގާސިމް ވަނީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަނެފައެވެ. އެއަށްފަހު ގާސިމް މިހާރު ހުންނެވީ ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އެގައުމުގައެވެ.

ޑރ. ޝައިނީގެ ވާހަކަފުޅާ ގުޅޭގޮތުން ވިލާ ކުންފުނީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.