14 Aug 2011, 16:22
އައްޑޫގައި އަންނަ ނޮވެމްބަރު މަހު ބާއްވާ ސާކް ސަމިޓްގެ ކުރިން ފުވައްމުލަކު އެއާޕޯޓް ނިންމުމަށް އެ މަޝްރޫއާ ހަވާލުވެފައިވާ މައި ކޮންޓްރެކްޓަރު ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން )ޕީސީއެޗް(އާއެކު އެއްބަސްވެ، އެއާޕޯޓުގެ ނުނިމި ހުރި މަސައްކަތްތަކާ އެސްޓީއޯ އިން ހާވުލުވެއްޖެ އެވެ.
އެސްޓީއޯ އިން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މީޑިޔާ އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓުގެ މަސައްކަތާއި ހަވާލުވެފައިވާ ޕްލެޓިނަމްއާއި އެސްޓީއޯއާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފުވައްމުލަކު އެއާޕޯޓްގެ ނުނިމި ހުރި ހުރިހާ މަސައްކަތެއް އޮކްޓޯބަރު 15 އަށް ނިންމާ ގޮތަށް އެސްޓީއޯން އެޕްރޮޖެކްޓާ ހަވާލުވެފައިވާ ކަމަށެވެ.
އަދި ޕްލެޓިނަމަށް ސަރުކާރުން ކުއްޔަށް ދޫކުރި ބ. މުތާފުށީގައި ރިސޯޓު ތަރައްގީ ކުރާނީ ވެސް އެސްޓީއޯ އިން ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެއާޕޯޓާއި ރިސޯޓު ތަރައްގީކުރުމަށް ގާތްގަނޑަކަށް 32 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން 25 މިލިއަން ޑޮލަރު ހަރަދުވާނީ މުތާ ފުށީގައި ހަދައި 100 އެނދުގެ ރިސޯޓަށް ކަމަށާއި ފުވައްމުލަކު އެއާޕޯޓަށް ހަރަދުވާނީ 7.5 މިލިއަން ޑޮލަރު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަތުގައި މި މަޝްރޫއުތަށް ހިންގޭ ވަރަށް ފައިސާގެ ކެޕޭސިޓީ އެބަހުރި. އަޅުގަނޑުމެން ލާންޖެހޭ އިކުއިޓީ އަޅުގަނޑުމެންނަށް ލެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
ފުވައްމުލަކު އެއާޕޯޓުގައި މިހާރު ކުރަމުން އަންނަނީ ރަންވޭ ނިންމުމުގެ މަސައްކަތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ރަންވޭގެ ބޮޑުބައެއް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށް މިދަނީ. އިތުރު މައްސަލައެއް ދިމާނުވަންޏާ މި ދެންނެވީ މެޓީރިއަލްގެ މައްސަލައެއް ދިމާނުވަންޏާ އޮގަސްޓް 15ގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯ އިން ފުވައްމުލަކު އެއާޕޯޓުގެ މަސައްކަތަކާ ހަވާލުވި އިރު، ސ. ގަން އެއާޕޯޓު ތަރައްގީކުރާ ކޮންސޯޓިއަމްގައި ވެސް އެސްޓީއޯ ހިމެނެ އެވެ. އަދި ހުޅުމާލޭގައި ފަސްތަރީގެ ހޮޓަލެއް އެޅުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ޝާހިދު މިއަދު ވިދާޅުވީ ފަސްތަރީގެ ހޮޓަލުގެ އެއްބަސްވުމުގައި ކުރިއަށް އޮތް ދެ ހަފްތާއެއްހާދުވަހުގެ ތެރޭގައި ސޮއި ކުރާނެ ކަމަށެވެ.
އަދި މުތާފުށީގައި ހަދައި ރިސޯޓް އަންނަ ޑިސެމްބަރު މަހު ހުޅުވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބަލަނީ 18 މަސްދުވަހުގެތެރޭގައި އެ ރިސޯޓުގެ މަސައްކަތް ނިންމުމަށް. އެހެންވީމާ މިއަންނަ އަހަރުގެ ޑިސެމްބަރަށް އެ މަސައްކަތް ނިމޭނެ،" ޝާހިދު ވިދާޅުވި އެވެ.