11 Jan 2018, 16:52
ވިލާތުގެ އިއްތިހާދު (އީޔޫ)ގެ އިސް އޮފިޝަލުންގެ ވަފުދެއް ހޮނިހިރު ދުވަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
ސްރީލަންކާގައި ހުންނަ، ރާއްޖެއާ ލަންކާއަށް އީޔޫއިން ކަނޑައަޅާފައި ހުންނަ މިޝަނުން ބުނި ގޮތުގައި، އީޔޫގެ ސީނިއާ އޮފިޝަލުންގެ ވަފުދު މާލެ އަންނާނީ ޖެނުއަރީ 13 ވަނަ ދުވަހު، ތިން ދުވަހުގެ މުއްދަތަކަށެވެ.
މި ވަފުދުގައި އެންމެ އިސްބޭފުޅަކަށް ހުންނަވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ފޯރ އޭޝިއާ ޑިޕާޓްމެންޓް ޕައޮލާ ޕަމްޕަލޯނީއެވެ. އޭނާއާއެކު ވަފުދުގައި ހިމެނެނީ އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިސްވެރިޔާ ޓުންގް ލައި މާގްއާއި، އީއީއޭއެސްގެ ސައުތު އޭޝިއާ ޑިވިޝަނުގެ އިސްވެރިޔާ ކެރޮލައިން ވިނޮޓްއެވެ.
އީޔޫއިން ބުނާ ގޮތުގައި، ރާއްޖެއަށް އެ އިއްތިހާދުގެ އިސްވެރިންގެ ވަފުދުން ކުރާ ދަތުރުގައި، ހޯމް މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، އެންވާރަމެންޓް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރާއި، ބަންޑާރަނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައްޖޭގެ މައި ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންނާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އީޔޫއިން ބުނީ މި ޒިޔާރަތަކީ އީޔޫއާއި ރާއްޖެއާ ދެމެދު އޮތް މަޝްވަރާތަކާއި އެއްބާރުލުން ދަމަހައްޓައި، ކުރިއެރުމަށްޓަކައި ކުރާ ޒިޔާރަތެއް ކަމަށެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި ސަރަހައްދީ އެއްބާރުލުން ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް އީޔޫގެ ދަތުރުގައި ރިވިއު ކުރާނެކަމަށް އީޔޫއިން ބުނެއެވެ.
އަދި ރާއްޖޭގެ އަދުގެ ސިޔާސީ ހާލަތު އޮތް ގޮތާއި، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ވާ ތައްޔާރީތަކާ ބެހޭ މައުލޫމާތުވެސް ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ވިލާތުގެ އިއްތިހާދުން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް އީޔޫގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެ ޒިޔާރަތުގައިވެސް ރާއްޖޭގެ ސިޔާސީ ހާލަތާ ބެހޭގޮތުން އީޔޫއިން ވަނީ އޮޅުން ފިލުވައިފައެވެ.