11 Jan 2018, 16:46
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ ބައްދަލުކުރައްވައި، އިންޑިއާ ފަސްޓްް ޕޮލިސީއާއި ނެއިބާހޫޑް ފަސްޓް ޕޮލިސީއާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަވީޝް ކުމާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޝްމާއާއި ޑރ. އާސިމް ބޭއްވެވީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. "އިންޑިއާ ފަސްޓް" އާއި "ނެއިބާހޫޑް ފަސްޓް ޕޮލިސީ" ކުރިއަށް ނެރެ ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް ރަވީޝްގެ ޓްވީޓުގައި ވެއެވެ.
EAM@SushmaSwarajmet Dr. Mohamed Asim, Foreign Minister and Special Envoy of the President of Maldives. Both had productive discussions to strengthen bilateral relationship keeping in mind ‘India first’ policy of Maldives and our policy of 'Neighbourhood first'.pic.twitter.com/h44h8xAlFQ
— Raveesh Kumar (@MEAIndia)January 11, 2018
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ފޮރިން މިނިސްޓަރު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. އާސިމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު އަރުވާނެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ދެކުނު އޭޝިއާ ސަރަހައްދުން މޯދީ ޒިޔާރަތް ނުކުރައްވާ ހަމައެކަނި ގައުމަކީ ރާއްޖެއެވެ.