އަހަރުގެ މިދުވަސްވަރަކީ ޑެންގީ ހުން ފެތުރުމުގެ ފުރުސަތު އޮންނަ ދުވަސްވަރަކަށް ވާތީ ޑެންގީ ހުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންްސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދުވަސްވަރު މަދިިރި ހެފުމުން ރައްކާތެރިވެ، މަދިރި ނައްތާލުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކޮންމެ އަހަރަކުވެސް ޑެންގީ ހުން އިތުރުވާ ދުވަސްވަރާ ދިމާކޮށް އެ އެޖެންސީން ފިޔަވަޅުތައް އަޅާ ކަމަށާއި މިއަހަރުވެސް ޑެންގީ ބަލި ދެނެގަތުމާއި ފަރުވާ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްކުރާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ޑެންގީ ހުން އިތުރުވަމުންދާ މިންވަރު މޮނީޓާކޮށް ޑެންގީ ފެތުރޭ ރަށްރަށުގައި ޑެންގީ ކޮންޓްރޯލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ލަފާދީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ، ފެން ހުސްކޮށް ސާފުކުރުމާއި ކުނިއަޅަން ހާއްސަަ ކުރެވިފައިވާ ތަންތަން ފިޔަވާ އެހެން ތަންތަނަށް ކުނި ނޭޅުމާއި ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންތައް ކުރެވިދާނެއެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެއެވެ. ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.