14 Aug 2011, 16:11
އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީން މިސީޒަންގައި ވެސް ސްކޮޑް ކުރީކޮޅު ރަނގަޅަށް ތައްޔާރު ނުކުރެވުމުގެ ސަބަބުން މިދިޔަ ސީޒަނެކޭ އެއްގޮތަށް ސީޒަންގެ ފަހުކޮޅުން ކާމިޔާބު ލިބުމުގެ ބިރު އެބައޮތް ކަމަށް ސިޓީން ބުނެފި އެވެ.
މެންސިޓީގެ ފުރަތަމަ މެޗްގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރަން ހަމަޖެހިފައި ވަނީ އަލަށް ޕްރެމިއާ ލީގަށް ޕްރޮމޯޓްވި ސަވަންސީ ސިޓީ އާއި ދެކޮޅަށެވެ.
މެންޗެސްޓާ ސިޓީގެ ސްކޮޑް މުޅިން ތައްޔާރު ނުވާކަމަށް ޕްރެމިއާ ލީގު ފެށެން ކުޑަދުވަސްކޮޅެއް ވެފައިވަނިކޮށް މިދިޔަ ހަފްތާގައި އެކްލަބްގެ ކޯޗް ރޮބާޓޯ މަންޗިނީ ވެސް ވަނީ ބުނެފަ އެވެ. މަންޗިނީގެ ތަރިންގެ ސްކޮޑް މުޅިން ފުރިހަމަ ވަނީ އެ ޓީމާ އަލަށް ގެޅޭނެ ކަމަށް ރިޕޯޓްތަކުން ބުނަމުންދާ އާސެނަލްގެ މިޑްފީލްޑަރު ސާމިރް ނަސިރީ އެކްލަބާ ގުޅުމުންނެވެ.
"ފުރަތަމަ 10 މެޗް އަހަރެމެންނަށް ވަރަށް އުނދަގޫވާނެ. ސްކޮޑް އޮތީ 100% ތައްޔާރަކަށްނޫން. ކުޅުންތެރިން ރަނގަޅު ފޯމަށް އެނބުރި އައުމަށް ހަތަރެއް ނުވަތަ ފަސްމެޗް ބޭނުންވާނެ. އަހަރެމެންގެ ސްކޮޑް ފުރިހަމަވުމުން އަހަރެމެންނަށް ލީގު ތަށި ހޯދުމަށް މަސައްކަތް ކުރެވިދާނެ." ކޯޗް މަންޗިނީ ބުންޏެވެ.
ޕްރެމިއާ ލީގާއި އަލަށް ސްވަންސީ ޕްރޮމޯޓްވި ނަމަވެސް އެޓީމާއި ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަމެޗަކަށް ވެގެންނުދާނެކަމަށް ކޯޗް މަންޗިނީ ބުންޏެވެ.
"ސީޒަން ފަށާމެޗްގައި ސްވަންސީކަހަލަ ޕްރެމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ޓީމަކާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ. އެމީހުން ބޭނުންވާނެ އެންމެ ކުޑަމިނުން އެއްވަރުވާން. މިދިޔަ ސީޒަންގައި ވެސް ލީގަށް އަލަށް ޕްރޮމޯޓްވި ޓީމުތަކާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވި. ސްވަންސީއިން ވަރަށް ރަނގަޅު ފުޓްބޯޅައެއް ކޫޅޭ. ރަނގަޅު ކުޅުންތެރިން ތަކަކާއި ކޯޗެއް އެޓީމުގައި އެބަހުރި." ކޯޗް މަންޗިނީ ބުންޏެވެ.
މެންސިޓީ މިސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން އާސެނަލްއަށް ކުޅުނު ގާލް ކްލިޗީއާއި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު އަގުއެރޯގެ ސޮއި ހޯދައި ނަސްރީގެ ސޮއި ހޯދުމަށް މަސައްކަތްކުރާ މަންޗިނީ މިސީޒަންގައި މިދިޔަ ސީޒަންގައި ވެސް ޓީމުގައި ތިބި ކުޅުންތެރިން ބެހެއްޓުމަށް މަސައްކަތްތަކެއް ކޮށްފައިވެ އެވެ.