14:30


އެސްޓީއޯ އިން ބޭއްވި ޕްރޮމޯޝަނެއްގެ އެއް ވަނަ އަށް ހޮވުނު މީހާ އަށް ލިބެންޖެހޭ 24 އިންޗީގެ އެލްސީޑީ ޓީވީއެއް މަކަރާއި ހީލަތް ހަދައިގެން އެހެން މީހެއްގެ ނަމަށް ބަދަލުކޮށް ނެގި މައްސަލައިފައި އެސްޓީއޯގެ އަންހެން މުވައްޒަފަކު އެއް އަހަރާއި 10 މަހަށް ޖަލަށްލުމަށް ޖިނާއީ ކޯޓުން ހުކުމްކޮށްފި އެވެ.


ޖިނާއީ ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިލެކްޓްރޯނިކްސްގައި މަސައްކަތްކުރި، ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، ފާތުމަތު ރިޒްނާ އެސްޓީއޯގެ މުވައްޒަފަކަށް ހުރެ، އެ ތަނުން މިދިޔަ ރޯދަ މަހު ބޭއްވި "ރޯދަރޯދި" ޕްރޮމޯޝަނުން އެއް ވަނައަށް ދިޔަ ފަރާތުގެ ކޫޕަން ފަސް ވަނަ އަށް ބަދަލުކޮށް އެހެން ނަމެއްގައި ކޫޕަނެއް ފުރައި، ކޫޕަންގެ ފުރަގަހުގައި އެއް ވަނަ ޖަހައިފައިވާ ކަމަށް އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.


އަދި އެއް ވަނައަށް ދިޔަ ފަރާތަށް ދިނުމަށް ހަމަޖައްސާފައިވާ 24 އިންޗީގެ އެލްސީޑީ ޓީވީ އެސްޓީއޯގެ އެހެން މުވައްޒަފެއް ކައިރީގައި ބުނެގެން ރިޒްނާ ނަގާފައިވާ ކަމަށް ރިޒްނާ އިއުތިރާފްވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.


އެ ހުކުމުގައި ބުނެފައި ވަނީ މިއީ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ރިޒްނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވުމުން އޭނާ ހަ މަހަށް ޖަލަށްލުމަށް ހުކުމްކުރީ ކަމަށާއި އަދި އޭނާ މަކަރާއި ހީލަތް ހަދާފައިވަނީ ދިހަ ހާސް ރުފިޔާ އަށް ވުރެ މަތީގެ މުދަލަކުން ކަމަށްވުމުން ގާނޫނުލް އުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން އެއް އަހަރާއި ހަތަރު މަހަށް ޖަލަށްލުމަށް ހުކުމްކުރީ ކަމަށެވެ.