11 Jan 2018, 15:26
ފުލުހުންގެ ތެރޭގައި އެއްވެސް ނުތަނަވަސް ކަމެއް އަދި ސިޔާސީ ނުފޫޒެއް ވެސް ނެތް ކަމަށާއި ފުލުހުން މަސައްކަތް ކުރަނީ ވަރަށް މިނިވަންކޮށް ކަމަށް ފުލުހުންގެ އިދާރާގެ ސްޕޯކްސް ޕާސަން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އިދާރާއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެ އިދާރާގެ ތެރޭގައި ނުތަވަސްކަން އުފެދެމުން އަންނަ ކަމަށް ބައެއް މީޑިއާތަކުގައި މި ފަހަކަށް އައިސް ދަނީ ރިޕޯޓުކުރަމުންނެވެ.
އެކަމަށް ރައްދު ދެއްވައި ޝިފާން ވިދާޅުވީ ފުލުހުން ތިބީ އެކަތި ގަނޑަކަށްވެ ވަރަށް ސާބިތުކަން މަތީގައި ކަމަށާއި މީހަކު ދައްކާ ވާހަކައަކުން ނުވަތަ މީހަކު ލިޔެލާ އެއްޗަކުން ގުޑުން އަރާވަރަށް ވުރެ ފުލުހުން ތިބީ މާ ސާބިތުކަން މަތީގައި ކަމަށެވެ.
"ފުލުހުންގެ މުއައްސަސާއަކީ ރާއްޖޭގައި އެއްބަޔަކު އެންމެ ގިނައިން މަސައްކަތް ކުރާ އެއް މުއައްސަސާ. ފުލުހުންގެ ތެރޭގައި ތަފާތު ނިޒާމުތައް ހެދިފައި ހުރޭ." ޝީފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ އެކި ފަތީގެ މީހުންނާ މެދު ފިޔަވަޅު އެޅޭ ވާހަކަ އަޑުއަހާނެ ކަމަށާއި ގަބޫލުކުރަންވީ ކަމަކީ ފުލުހަކަށްވެ ހުރެ ގޯސްކަމެއްކޮށްފި ނަމަ ފުލުހުންގެ ނިޒާމުގެ ތެރެއިން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ޝިފާން ވިދާޅުވީ ފުލުހުންގެ ތެރޭގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި ފުލުހުންގެ އިދާރާ އަކީ ގާނޫނެއްގެ ދަށުން ވަރަށް މިނިވަންކޮށް މަސައްކަތް ކުރަމުން އަންނަ މުއަސަސާއެއް ކަމަށެވެ.
"އަޅުގަނޑުމެން ފުލުހުން މަސައްކަތް ކުރަނީ އަޅުގަނޑުމެން ފުލުހުންގެ ތެރޭގައި މަޝްވަރާކުރެވިގެން އެކަން ދިވެހިންނަށް ގެނެސްދީގެން އެންމެ ފައިދާ ވާނެ ގޮތަށް." ޝިފާން ވިދާޅުވި އެވެ.