އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޗެލްސީއާއި އާސެނަލް ވާދަކުރި މެޗަށްފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ތައުރީފްކޮށްފިއެވެ.

އިނގިރޭސި އެފްއޭއިން ލީގު ކަޕުގެ ސެމީން ފެށިގެން އެ މުބާރާތުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުން ކުރަން ނިންމާފައިވާ އިރު، ޗެލްސީ ދަނޑުގައި ރޭ އާސެނަލްއާއި ޗެލްސީ ކުޅުނު މެޗުގައި ރެފްރީ މާޓިން އެޓްކިންސަން ވަނީ މުހިންމު ނިންމުންތަކެއްގައި ވީޑިއޯ ރީޕްލޭގެ އެހީ ހޯދައިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ވިކްޓާ މޮސަސް ގައިގައި ޖެހި މައިޓްލޭންޑް އެއިންސްލޭ ނައިލްސް، ޗެލްސީގެ އޭރިއާ ތެރެއަށް ވެއްޓުމުންނާއި މެޗު ނިމެންދަނިކޮށް ޗެލްސީގެ ސެސްކް ފެބްރިގާސްއަށް ޑެނީ ވެލްބެކް ކުރި ޗެލެންޖުގައި ގޮތް ނިންމުމަށްވެސް ރެފްރީ ވަނީ ވީޑިއޯ ރީޕްލޭގެ އެހީ ބޭނުންކޮށްފައެވެ. މީގެ އިތުރުންވެސް ޗެލްސީގެ ސީޒާ އަޒްޕިލިކުއެޓާ ގައިގައި ޖެހި އެޓީމުގެ އޭރިއާ ތެރެއަށް އާސެނަލްގެ ޑިފެންޑަރު ކަލުމް ޗެމްބާސް ވެއްޓުމުންވެސް ރެފްރީ ވަނީ ގޮތް ނިންމުމުގެ ކުރިން ވީއޭއާރްގެ އެހީ ބޭނުންކޮށްފައެވެ.

އާސެނަލްއާއި ޗެލްސީ ވާދަކުރި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގެ ތެރެއިން: މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެން --- ފޮޓޯ/ އޭޕީ

ރޭގެ މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާ އިރު، މެޗަށްފަހު ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ ނިންމުމަކާ މެދު ޝައްކު ކުރަން ޖެހޭ ވަގުތު އިތުރު ޝަކުވާތަކަކަށް ޖާގަ ނުދީ ވީއޭއާރްގެ އެހީ ހޯދުމަކީ މެޗުގެ ނަތީޖާ އިންސާފުވާނެ ކަމެއް ކަމަށެވެ.

"އަހަރެން ވަރަށް ތާއީދު ކުރަން ވީއޭއާރްއަށް. ގޮތް ނިންމަން ނޭނގޭ ވަގުތުތަކުގައި އިންސާފުން ގޮތް ނިންމަން ބޭނުންވާނެ. އެކަމުގެ ހައްލަކީ ވީޑިއޯ ބަލައި، ގޮތް ނިންމުން،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ އެންމެވެސް ބޭނުންވާނީ މެޗުތަކުގައި ރެފްރީގެ ފަރާތުން ވީހާވެސް މަދު ގޯސްތަކެއް ފެނުން ކަމަށާއި، ވީއޭއާރްއަކީ އެކަމަށް އެންމެ އަކަށޭވެ ވަސީލަތް ކަމަށެވެ.

އާސެނަލްއާއި ޗެލްސީ ވާދަކުރި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގެ ތެރެއިން: މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެން --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގައި ޗެލްސީން ގިނަ ފުރުސަތުތަކެއް ބޭކާރު ކޮށްލައިފައިވާ އިރު، އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އާސެނަލުން ދެއްކީ ޑިފެންސިވް ވަރުގަދަ ކުޅުމެއް ކަމަށެވެ. އަދި މެޗަށްފަހު ވެންގާވެސް ވަނީ ވީއޭއަރްއަށް ތައުރީފްކޮށްފައެވެ.

ވެންގާ ބުނީ ވީއޭއާރްގެ ސަބަބުން ބައެއް ނިންމުންތަކަށް ވަގުތު ބޭނުންވި ނަމަވެސް، ރަނގަޅު ނިންމުން ނިންމުމަށް އެހީވެދޭ ކަމަށެވެ.

ޗެލްސީއާއި އާސެނަލް ވާދަކުރާ ލީގު ކަޕުގެ ސެމީ ފައިނަލް ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އާސެނަލްގެ އެމިރޭޓްސް ދަނޑުގައެވެ.