12 Jan 2018, 10:44
މިދިޔަ އަހަރު ދިވެހި ސިނަމާގައި އެންމެ ހިޓް އަންހެން ތަރިއަކަށްވީ މަރިޔަމް އައްޒައެވެ. ހުސްވި އަހަރު ތެރޭ އެޅުވި ފިލްމުތަކުގެ ތެރެއިން މެޖޯރިޓީ ފިލްމު ތަކުގައި ލީޑް ތަރިއަކަށް ފެނުނީވެސް އައްޒައެވެ.
މީ ލޯތްބަކީ، ނޯޓީ 40، ހައްދު އަދި ބޮސްގެ ކާމިޔާބީ އަށްފަހު މިއަހަރަކީވެސް އައްޒައަށް ބިޒީ އަހަރަކަށް ވާނެއެވެ. އެންމެ އަވަހަށް އޮތް ޕްރޮޖެކްޓަކީ ފިލްމު "ލީނާ" ގެ މަސައްކަތެވެ.
"މި މަހު ތެރޭ ޝޫޓިންއަށް ފުރާނެ،" އައްޒަ ބުންޏެވެ.
ލީނާ އަކީ މީގެ 16 ވަރަކަށްއަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އަބްދުﷲ މުއާޒް (މުއާ) އުފައްދާ ފިލްމެކެވެ.
އައްޒަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ލީނާ"އަށް ފަހު ދެން އައްޒަ ކުރާނީ އާއިލީ ޕްރޮޑަކްޝަން ހައުސް "ޔާރާ ޕްރޮޑަކްޝަން" އިން އުފައްދާ ފިލްމެއްގެ މަސައްކަތެވެ. އެ ފިލްމުގެ މާބޮޑު ތަފްސީލެއް އަދި ހާމަ ކުރެވެން ނެތް ކަމަށް އައްޒަ ބުންޏެވެ.
މީގެ އިތުރުން މުހައްމާގެ ފިލްމެއްގެ މަސައްކަތްވެސް ކުރާނެ ކަމަށް އައްޒަ ބުންޏެވެ.
"ދެ ޕްރޮޖެކްޓެއް އަދި ފައިނަލް ވެފަ އަދި އޮތީ،" ތިން ފިލްމެއްގެ ވާހަކަ ދެކެވުނަސް ޔަގީންވެފައި އޮތީ ތިން ފިލްމު ކަމަށް ކާމިޔާބު ބަތަލާ ބުންޏެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއްގައި އައްޒަ -- ފޭސްބުކް ފޮޓޯ
މީގެ އިތުރުން އައްޒަގެ ފޭނުންނަށް ވަރަށް އުފާވެރި ހަބަރެއް އެބައޮތެވެ. އައްޒަ ހޯސްޓްކުރާ ސެލެބްރިޓީ ޓޯކްޝޯ އަޒޯނާގެ އާ ސީޒަނެއް މި އަހަރު ފެންނާނެއެވެ.
"ގިނަ ބައެއްގެ އެދުމާއެކު އަޒޯނާގެ އާ ސީޒަނެއް މި އަހަރު ހަދާނަން،" އޭނާ ބުންޏެވެ.