ދިވެހިން އެންމެ ގިނަ އަދަދަކަށް ފަރުވާ ހޯދާ ކެންސަރު ބަލި އަދި ފުއްޕާމެޔާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ދެ ސެންޓަރެއް އައިޖީއެމްއެޗްގައި ގާއިމު ކޮށްފިއެވެ.

ކެންސަރު ބައްޔަކީ ރާއްޖޭން މީހުން މަރުވާ މައިގަނޑު ތިން ބަލީގެ ތެރެއިން އެއް ބައްޔެވެ. އަދި އާސަންދައިގެ ތަފާސް ހިސާބުތަކަށް ބަލާއިރު. ރާއްޖޭން ބޭރަށް ބޭސް ފަރުވާ ކުރުމަށް އެންމެ ގިނަ އަދަދެއްގެ ދިވެހިން ދާ ބަލިތަކުގެ ތެރޭގައި ހިމެނޭ އެއް ބައްޔަކީ ވެސް ކެންސަރު ބައްޔެވެ. މީގެ އިތުރުން ފުއްޕާމެޔާއި ނޭވާލާ ނިޒާމުގެ ބަލިތަކަކީ މިއަދު ރާއްޖޭގައި އާންމުވަމުންދާ ބަލިތަކެކެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް 70 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ސެންޓަރު އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އައިޖީއެމްއެޗުން ބުނީ، ކީމޯތެރަޕީގެ ސާމާނު ލިބޭ ވަކި ބޭސްފިހާރައަކާ އެކު ހިދުމަތް ދޭން ފަށާފައިވާ ކެންސަރު ސެންޓަރުގައި ބޭރުގެ އޮންކޮލޮޖިސްޓަކާއި ރާއްޖޭގެ ފުރަތަމަ އޮންކޯސާޖަން ޑރ. މުހައްމަދު ޝިފާން ހިދުމަތް ދެއްވާނެއެވެ.

އަދި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރައްވާނީ އިންޑިއާއިން ހާއްސަ ތަމްރީންތަކެއް ހޯދައިގެން ތިބި ނަރުހުންނެވެ.

ރޭޑިއޮލޮޖީގެ ހިދުމަތް ފިޔަވާ އެހެން ހުރިހާ ހިދުމަތެއް ދެވޭ އެ ސެންޓަރުގައި އެއްފަހަރާ ހަތަރު ޕޭޝަންޓުންނަށް ފަރުވާ ދެވޭއިރު ދުނިޔޭގެ އެހެން ހޮސްޕިޓަލުތަކުން ވެސް ކެންސަރު ޕޭޝަންޓުންނަށް ފޯރުކޮށްދޭ ޑޭކެއާ ހިދުމަތާއި އެފަދަ ޕޭޝަންޓުންނަށް ބޭނުންވާ ތަހުލީލުތައް ހެދޭނެ ގޮތްތައް ވެސް ގާއިމް ކޮށްފައިވެއެވެ.

މިއަދު އިފްތިތާހް ކުރި ފުއްޕާމެޔާއި ނޭވާލާ ނިޒާމާ ގުޅޭ ބަލިތަކަށް ހާއްސަ ސެންޓަރަކީ ކުރިން އިންޓާނަލް މެޑިސިންއާއެކު ވަކި ޑިވިޝަނެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެކެވެ.

އައިޖީއެމްއެޗުން ބުނީ، ގައުމީ ފެންވަރެއްގައި ފުރަތަމަ ފަހަރަށް ގާއިމްކުރި ފުއްޕާމެޔާއި ނޭވާލާ ނިޒާމާ ގުޅުންހުރި ބަލިތަކަށް ހާއްސަ އެ ސެންޓަރަކީ އެކި ހިދުމަތްތައް އެކި ތަންތަނުން ދިނުމުގެ ބަދަލުގައި އެ ފަދަ ބަލިތަކާއި ގުޅުންހުރި ބަލިތަކުގެ ޕޭޝަންޓުންނަށް އެއްތަނަކުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ގާއިމްކުރި ސެންޓަރެއް ކަމަށެވެ.

އަދި އެ ސެންޓަރުން ފުއްޕާމެޔާއި ނޭވާލާ ނިޒާމަށް ހާއްސަ ބޭސްފަރުވާގެ ހިދުމަތާއި ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން ފަރުވާދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.