14 Aug 2011, 15:55
މެޗްގެ ފަހު މިނެޓްގެ ލަނޑުން ބެޔާން މިއުނިކަށް ބުންޑަސްލީގާގެ ފުރަތަމަ މޮޅު ހޯދިއިރު ޗެމްޕިއަން ބޮރޫސިއާ ޑޯޓްމުންޑްއިން މޮޅުވަމުން އައި ސިލްސިލާއަށް ޓީއެސްޖީ ހޮފެންހޭމްއިން ނިމުމެއް ގެނެސްފި އެވެ.
ބެޔާން މިއުނިކް އާއި ވޮލްފްސްބާގް ބައްދަލުކުރި މެޗްގައި ވޮލްފްސްބާގްއިން މަސައްކަތް ކުރަމުންދިޔައީ ބެޔާން މިއުނިކް މޮޅުވިޔަނުދީ ހިފެހެއްޓުމަށެވެ. ވޮލްފްސްބާގްގެ ޑިފެންޑަރުން މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައިވާކަން ފާހަގަކޮށްލެވެ އެވެ. ބެޔާންގެ ޝްވެންސްޓައިގާ، ރިބަރީ އަދި މުލާފަދަ ކުޅުންތެރިން މިމެޗްގައި ވޮލްފްސްބާގްގެ ޑިފެންޑަރުން ވަރަށް ރަނގަޅަށް މާކްކޮށްފައިވެ އެވެ.
މިމެޗްގައި ބެޔާންއިން ހެދި ކައުންޓަޓޭކްތަކަށް ހުރަސްއަޅަމުންދިޔައީ ވޮލްސްބާގް ޑިފެންޑަރުންގެ އޮފްސައިޑް ޓްރެޕްތަކެވެ. ބެޔާންއަށް މެޗްގެ ތިން ޕޮއިންޓް ކަށަވަރުވެގެން ދިޔައީ މެޗްގެ އެންމެ ފަހު މިނެޓްގަ އެވެ. ރިބެރީ ދިން ބޯޅައަކުން ވޮލްސްބާގްގެ ގޯލް ފޫއަޅުވާލަދިނީ ލުއިސް ގުސްތާވޯ އެވެ. މިމެޗް 1-0 ން ބެޔާން މިއުނިކް މޮޅުވި ނަމަވެސް އެޓީމް އުޅެނީ ތާވަލްގެ 11 ވަނައިގަ އެވެ. ބެޔާން ކުޅުނު ފުރަތަމަ މެޗުން ބޮރޫސިއާ މޮންޗަންގްލެޑްބެކް އަތުން 1-0 ން ވަނީ ބަލިވެފަ އެވެ.
މެޗްގެ ކުރީކޮޅު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑާ އެކު ޓީއެސްޖީ ހޮފެންހެމްއިން ވަނީ ޗެމްޕިއަން ބޮރޫސިއާ ޑޮޓްމުންޑްއިން މޮޅުވަމުން އައި ސިލްސިލާ ނިމުމަކަށް ގެނެސްފަ އެވެ. މިމެޗްގައި ބޮރޫސިއާ ޑޯޓްމުންއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ހޮފެންހެމްގެ ކުޅުންތެރިން ވަނީ ޑޯޓްމުންޑްގެ ކުޅުންތެރިން ހިފަހައްޓާފަ އެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބޮޑެތި ކްލަބްތަކެއް ސިއްސުވާލި ޝާލްކޭއިން ވަނީ ކޮލޯންގެ މައްޗަށް ތަފާތު ބޮޑުކޮށް މޮޅުވެފަ އެވެ. މެޗްގެ ކުރީކޮޅު ޖަރުމަން ތަރި ލޫކަސް ޕޮޑޯލްސްކީ ކޮލޯން އަށް ލަނޑެއް ކާމިޔާބުކޮށްދީފައި ވަނިކޮށް ފަހަތުން އަރާ ޝާލްކޭއިން މެޗް ކާމިޔާބުކޮށްފައި ވަނީ 5-1 ންނެވެ.
މެޗްގެ ފުރަތަމަ ހާފްނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޝާލްކޭއަށް ލިބުނު ޕެނަލްޓީއަކުން ހެންޓެއްލާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗްގެ ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ހަންޓެއްލާ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ޝާލްކޭއަށް ލީޑް ނަގައިދިނެވެ. މެޗްގެ 48 ވަނަ މިނެޓްގައި ލެވިސް ހޮލްޓްބައި ޝާލްކޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު 59 ވަނަ މިނެޓްގައި ރައުލްވަނީ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މެޗްގެ 84 ވަނަ މިނެޓްގައި ޝާލްކޭގެ ފަސް ވަނަ ލަނޑު ހެޓްރިކަކާ އެކު ހަންޓެއްލާ ކާމިޔާބުކޮށްދީފައިވެ އެވެ.