ޕްރިޔަންކާ ޗޯޕްރާ ލީޑު ރޯލުން ފެނިގެންދާ ހޮލީވުޑްގެ މަޝްހޫރު ޓީވީ ސީރީޒް ކުއެންޓިކޯގެ ތިންވަނަ ސީޒަން ޕްރިމިއާ ކުރާ ދުވަސް އިއުލާނުކޮށްފިއެވެ.

ޕްރިޔަންކާ އޭނާގެ ޓްވިޓާގައި ބުނީ ކުއެންޓިކޯގެ ތިންވަނަ ސީޒަން އޭޕްރީލް 26 ގައި ޕްރިމިއާ ކުރާނެ ކަމަށެވެ.

ކުއެންޓިކޯގެ ތިންވަަނަ ސީޒަނަށް ތައްޔާރުވުމަށް ޕްރިޔަންކާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާގެ ބޯވެސް ކޮށާލައިފައެވެ. ކުއެންޓިކޯގެ ތިންވަނަ ސީޒަނެއް އިއުލާނުކޮށްފައިވާއިރު ޕްރިޔަންކާ އަންނަނީ އޭނާގެ ދެވަނަ ހޮލީވުޑް ފިލްމު "އިޒްންޓް އިޓް ރޮމޭންޓިކް" އަށްވެސް ތައްޔާރުވަމުންނެވެ.

ބޮލީވުޑްގައި ކާމިޔާބީތަކެއް ހޯދުމަށްފަހު ޕްރިޔަންކާ އަންނަނީ ހޮލީވުޑްގައިވެސް ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. އޭނާ ވަނީ މިދިޔަ އަހަރު ނެރުނު ހޮލީވުޑް ފިލްމު "ބޭވޮޗް" ގައިވެސް މުހިއްމު ރޯލެއް ކުޅެފައެވެ.