11 Jan 2018, 10:59
އަސްލުލިޔުއްވީ: އިމްތިޔާޒު އަހްމަދުއަލްމަދީނަތުލް މުނައްވަރާ
ދިވެހިބަހަށް ތަރުޖަމާކުރީ:ޢަބްދުﷲފާރޫގު ހަސަން
ޖޭމްސްއަކީ އޭރު ހައިސްކޫލުގެ ކިޔަވާކުއްޖެކެވެ. އޭނާ އަކީ އެކުވެރީންގެ ތެރޭގައި ވަރަށް މަޤްބޫލު ކުއްޖެކެވެ. އެދުވަސްވަރު އެއްދުވަހަކު ޖޭމްސް އަޅުގަނޑުގާތު ބުންޏެވެ. "އަޅުގަނޑުގެ ނަންބަދަލުކޮށް އިސްލާމީ ނަމެއްކިޔާން ބޭނުމެވެ." އަޅުގަނޑު އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރީ އޭނާ އިސްލާމީނަމަކަށް ނަންބަދަލުކޮށްފިނަމަ އާނަން އަޑުއިވޭއިރަށް އޭނާގެ އެކުވެރީން އޭނާއާގުޅުން ކަނޑައިލާނެކަމެވެ. ބައްދަލުވެ އުޅުންވެސް ހުއްޓައިލާނެކަމެވެ.
އަޅުގަނޑު ބުނީމެވެ. ޖޭމުސްއެވެ. އެމެރިކާ ނަމުގައި ފަސޭހަކަމާއެކު ކުދިންނާ މިލިގެން އެެއްހިތްވެގެން އުޅެވޭނެއެވެ. އެކުދީންނާ ހަމަޔަށް އިސްލާމީ އަގުތައްވެސް ގެންގޮސްދެވޭނެއެވެ. އަޅުގަނޑުގެ ވާހަކަ އަޑުއިވުމުން ޖޭމްސް ބޭއިޚްތިޔާރުގައި އަނެއްކާވެސް ބުނެލީ އަޅުގަނޑުގެ އީމާންކަން ބަލިކަށިވާހަކައެވެ. ކޮންމެއަކަސް އޭނާ ބޭނުންވީ އިސްލާމީ ނަމެކެވެ. އޭނާ ޚިޔާރުކުރި ނަމަކީ ޖޭމްސް ހުސައިން އަބީބާއެވެ.
ޖޭމްސް ހައިސްކޫލުގެ ކިޔެވުން ނިންމައިލިއެވެ. ސްކޫލް ނިމުމުން އޭނާ އުޅުނީ ވަގުތީގޮތުންް މަސައްކަތެއް ލިބޭތޯއެވެ. ކޮލެޖުގެ ޚަރަދުތަކަށް ފައިސާ އެއްކުރުމުގެ ގޮތުންނެވެ. ހުޅަނގުގައި އޮންނަ ވަރަށް ރަނގަޅު އާދައެކެވެ. މައިންބަފައިންނަކީ މާލީގޮތުން ފޯރުންތެރި ބަޔަކަށް ވިޔަސް މަތީމަޤާމުތަކުގައި ތިބިބަޔަކު ކަމުގައި ވިޔަސް ޒުވާނުން އެކުދީންގެ ކޮލެޖުގެ ޚަރަދުތަކަށް އަމިއްލަ މަސައްކަތުން ފައިސާހޯދައެވެ. އެގޮތުން ހުސްވަގުތުގައި ކޮންމެވެސް މަސައްކަތެއް ކުރެއެވެ. އެމަސައްކަތަކީ ކިތަންމެއާދައިގެ ދެރަ މަސައްކަތަކަށް ވިޔަސް އެމަސައްކަތެއް ކުރާކަށެއް ފަހެއްނުޖެހެއެވެ. ވަރަށް އާދައިގެ މަސައްކަތެއް ލިބުނަސް އެކަމާ ފަޚުރުވެރިވެއެވެ. އެކުދީންކުރާ މަސައްކަތުގެ ވާހަކަ މައިންބަފައިންނާއި، އަވަށްޓެރީންނާއި ރަހްމަތްތެރީންނަށް ވަންހަނާ ކުރާކަށްވެސް ނުއުޅެއެވެ. ޙަޤީޤަތުގައި ޒުވާންފުރައިގައި ކަމެއްނެތި ހިލޭތިބުމުގެ ބަދަލުގައި މަސައްކަތެއްގައި އަވަދިނެތި އުޅުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ވަރަށްގިނަ ކަތިފިޔަވަޅު ތަކަކުން ސަލާމަތްވާނެކަމެކެވެ. ޝައިޠާނާގެ ދަންތުރަތަކުގައި އެންމެ ފަސޭހައިން ޖެހެވެނީ މަސައްކަތެއް ނުކޮށް ބޭޭކާރުވެގެންއުޅޭ ޒުވާނުންނަށެވެ.
އަޅުގަނޑުގެ އަންހެނުން އެދުވަސްވަރު އެމެރިކާގެ އާމީން ވަކިވެ މެރީލޭންޑުގެ ލައުރަލް ސަރަހައްދުގައި އޭނާގެ ހެލްތު ސެންޓަރ ހުޅުވައިފިއެވެ. އޭނާ ޖޭމްސަށް އެތާނގެ އިސްތިޤްބާލިއްޔާއިން ވަޒީފާދިނެވެ. އެދުވަސްވަރަކީ އަޅުގަނޑުގެ އަންހެނުން ހެލްތްސެންޓަރ އަލަށް ހުޅުވި ދުވަސްވަރެވެ. އެހެންކަމުން ބަލިމީހުން ލިބެނީ ތަންކޮޅެއް މަދުންނެވެ. އެހެންކަމުން ޖޭމްސް އަށް ވަރަށްގިނަ ހުސްވަގުތު ލިބެއެވެ. އޭނާ އެވަގުތުގެ ބޭނުންހިފީ އިސްލާމީ ފޮތްތައް މުޠާލިއާ ކުރުމަށެވެ.
ޖޭމްސް ކޮންމެ އަހަރަކު އީދުފާހަގަކުރަނީވެސް އަޅުގަނޑުމެންނާއެކުގައެވެ. މާތްﷲގެ ފަޟުލުވަންތަކަމުން އެއްއަހަރަކު އަޅުގަނޑު ރަމަޟާންމަސް އެކަށް ހޭދަކުރީ މައްކާ އާއި މަދީނާގައެވެ. އީދުކުރީ މައްކާގައެވެ. އެކަމާ އަޅުގަނޑު ވަރަށް ހިތްހަމަޖެހުނެވެ. އުފާވިއެވެ. ނަމަވެސް ޖޭމްސް އެކަނިވެރި ވާނެތީ އެކަމާ ވަރަށް ވިސްނާން ޖެހުނެވެ.
އަޅުގަނޑު އެނބުރި އެމެރިކާއަށް ގޮސް މިސްކިތުގެ ރަހްމަތްތެރީން ކުރެން ޚަބަރު އަހައިލިއިރު ޖޭމްސް ރޯދަމަހުގެ ހުރިހާ ދީނީ ޕްރޮގްރާމުތަކެއްގައި ވަރަށްބޮޑަށް ޙަރަކާތްތެރިވިއެވެ. އިސްނަގައިގެން ކަންކަމުގައި ބައިވެރިވިއެވެ. ރަމަޟާންމަހުގެ ފަހުދިހައިގައި މިސްކިތުގައި އިޢުތިކާފުވެސްކުރިއެވެ. ޙަޤީޤަތުގައި އޭނާ އަޅުކަމާބެހޭ އެތައްކަމެއްގައި ހުރީ އަޅުގަނޑުމެންނަށްވުރެ ވެސް ކުރީގައެވެ.
ޖޭމްސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޮލެޖަށް ވަދެއްޖެއެވެ. އޭނާ ބީ.އޭ.ފާސްކުރީ އިސްލާމީ ތާރީޚުވެސް ހިމަނައިގެންނެވެ. ޖޭމްސް އަކީ އޭނާގެ ކޮލެޖުގެ އިސްލާމީކިޔަވާކުދިންގެ ޖަމްޢިއްޔާގެ އެންމެ އިސް އެއްމެންބަރެކެވެ. ކޮލެޖުގައި އުޅެމުން އޭނާ މީހަކާ ވެސް އިނދެފިއެވެ. އޭނާ ކާވެނިކުރީ އިންޑިޔާގެ ގަދަރުހުރި މުސްލިމު އާއިލާއެއްގެ އަންހެން ކުއްޖަކާއެވެ. ޖޭމްސްގެ އަންހެނުންނަކީވެސް ވަރަށް ދީންވެރި ކުއްޖެކެވެ. އެހެންކަމުން އެދެމީހުން ޑިގްރީ ނިންމުމަށްފަހު ޝިކާގޯގެ ޔުނިވަރސަލް އިސްލާމިކް ސްކޫލުގައި ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާންފަށައިފިއެވެ.
އަޅުގަނޑާ ޖޭމްސްއާ އެންމެ ފަހުން ބައްދަލުވީ އިސްނާ (ISNA) ކޮންފަރެންސުގެ ދުވަސްވަރުއެވެ. ޝިކާގޯއިންނެވެ. އެފަހަރު އަޅުގަނޑަށް ޖޭމްސް ފެނުނުއިރު އޭނާހުރީ ޚާއްޞަ އިސްލާމީ ހެދުމެއްގައެވެ. ބޮލުގައި ވަރަށްބޮޑު ފަގުޑިޔެއްވެސް އޮތެވެ. އޭނާ ފެނުމާއެކު އަޅުގަނޑު އޭނާގެ ފަގުޑިޔަށް އިޝާރާތްކޮށްފައި "މިޔޯ" އޭ ބުނެލީމެވެ. ޖޭމްސް ޖަވާބުދިނެވެ. "ސަރ އަހްމަދެވެ. އޯގާވެރިކަމާއެކު ތިޔަވާހަކަ ހުއްޓައިލައްވާށެވެ. މިކަމާ އެެއްޗެކޭވިދާޅުނުވާށެވެ." އަޅުގަނޑަށް ވިސްނުނެވެ. މާޝާﷲ އެވެ! ޖޭމްސް ވަނީ ކޮންމެވެސް ޒިކުރުވެރީންގެ ޖަމާޢަތަކާވެސް ގުޅިފައެވެ.
ގާތްގަނޑަކަށް ވިހިއަހަރު ފަހުން އަޅުގަނޑު ޖޭމްސްގެ އާއިލާއާ އީ މެއިލުގެ ޒަރީޢާއިން ގުޅައިލީމެވެ. ޖޭމްސް އަކީ އެމެރިކާގެ ޝިކާކޯގެ ވަރަށް މަޝްހޫރު އިސްލާމީ އިދާރާއެއްގެ އެޑިޓަރެކެވެ. އެ އިދާރާގެ ނަމަކީ "އިޤްރައު އިންޓަރނޭޝަނަލް އެޑިޔުކޭޝަނަލް ފައުންޑޭޝަން" އެވެ. އެތާނގެ މަސައްކަތަކީ އިސްލާމީ ފޮތްތަކާއި މަޖައްލާތައް ޝާއިޢުކުރުމެވެ. ދުނިޔޭ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށް ފޮތްތަކާއި މަޖައްލާތައް ފޮނުވައިދިނުމެވެ. އެއިދާރާގެ އީ.މެއިލް އެޑްރެސްތިރީގައިމިވަނީއެވެ.
ޖޭމްސްގެ އެބޭބެ ޑޮކްޓަރ އަމީރުއަލީސާހަބު އަކީވެސް އިސްލާމީ އިދާރާއެއްގެ ބާނީއެކެވެ. އެތާނގެ މެނޭޖިން ޑިރެކްޓަރއެވެ. އެއިދާރާގެ ނަމަކީ އިސްލާމިކް އިންފޮމޭޝަން އެންޑް އެޑިޔުކޭޝަނެެވެ. އެތަންވެސް ހުންނަނީ އެމެރިކާގެ ޝިކާކޯގައެވެ. މުޅިދުނިޔޭގައިވެސް މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށް އިސްލާމީ އަދަބިއްޔާތުގެ އުފެއްދުންތައް ހިލޭ ބެހުމަކީ އެތާނގެ މަސައްކަތެކެވެ. އެމެރިކާގެ ޖަލުތަކުގައި ހިންގޭ ތަބްލީޣީ ޙަރަކާތްތަކުން އިސްލާމްވާ އައު މުސްލިމުންނަށް ތައުލީމާއި ތަރުބިޔަތު ދިނުމަށްވެސް އެއިދާރާއިން ވަރަށް ކުލަގަދަަ ޚިދުމަތްތަކެއްކުރެއެވެ. އެ އިދާރާގެ އީ.މެއިލް އެޑްރެސް ތިރީގައި މިދަންނަވަނީއެވެ.
ޖޭމްސްގެ އަންހެނުން މަސައްކަތްކުރަނީ އެނާގެ ބައްޕަގެ އިސްލާމިކް އިންފޮމޭޝަން އެންޑް އެޑިޔުކޭޝަންގައެވެ. ޖޭމްސްގެ މުޅިޢާއިލާ ހިތާއި ރޫޙުން މަސައްކަތްކުރަމުން ގެންދަނީ އިންސާނިއްޔަތަށްޓަކައެވެ. އިސްލާމްދީން ކުރިއަރުވައި އާލާކުރުމުގެ މަތިވެރިމާތް މަޤްޞަދުގައެވެ. މިއީ އަޅުގަނޑުމެން ހަހުރަކުރުން އެކަށީގެންވާ ކަމެކެވެ. ނަމޫނާއަކަށް ހަދާންޖެހޭ ވެސް ކަމެކެވެ.