11 Jan 2018, 15:13
އިސްލާމް އާބާދު (ޖަނަވަރީ 11) : އަސްކަރީ އަދި ޖާސޫސީ ކަންކަމުގައި އެމެރިކާ އަށް އެއްބާރުލުން ދިނުން ޕާކިސްތާނުން ހުއްޓާލީ އެކަމާ ބެހޭ ގޮތުން އެމެރިކާއާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ކަމަށާއި ޕާކިސްތާނުގެ އެ ނިންމުމާ މެދު ހިތާމަކުރާކަމަށް އެމެރިކާ ބުނެފި އެވެ.
އިސްލާމް އާބާދުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ ޕާކިސްތާނުގެ ނިންމުމަކީ ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ކުރާ ހަނގުރާމައަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށާއި ޕާކިސްތާނުގެ ނިންމުން އެމެރިކާގެ ސަފީރާ ވެސް އަދި އިސްލާމް އާބާދުގައި ހުންނަ އެމެރިކާގެ ޑިފެންސް އެޓާޗޭ އާ ވެސް ހިއްސާކޮށްފައިނުވާ ކަމުގަ އެވެ. އަސްކަރީ އަދި ޖާސޫސީ ކަންކަމުގައި ޕާކިސްތާނުން އެމެރިކާއަށްދޭ އެއްބާރުލުން ވަގުތީ ގޮތުން ހުއްޓާލިކަން އިއްލާންކުރެއްވީ ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚޫރާމް ދަސްތްޖީރު ޚާން އެވެ.
މީގެ އިތުރުން ޕާކިސްތާނުން އެމެރިކާ ބާއްވާ އަސްކަރީ އަދި ސްޓްރެޓީޖިކް ގުޅުންތައް އަލުން މުރާޖައާ ކުރުމަށް ވެސް ނިންމިކަން ވެސް ޚާންވަނީ އިއްލާންކުރައްވާފަ އެވެ. ޕާކިސްތާނުން އެމެރިކާއާ ދެކޮޅަށް މިފިޔަވަޅުތައް މިއެޅީ އެމެރިކާ އިން ޕާކިސްތާނަށް ދޭ އެހީގެތެރެއިން 900 މިލިޔަން ޑޮލަރު ކަނޑާލިކަން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ހީދާ ނައުއާޓް އިޢްލާން ކުރެއްވިތާ ދެތިން ދުވަސްފަހުންނެވެ. މިއާ އެކު އެމެރިކާ އިން ޕާކިސްތާނަށްދޭ އެހެން އެހީތައް ވެސް ކަނޑާލަންޖެހިދާނެ ކަމުގެ އިންޒާރު ވެސް ނައުއާޓް ދެއްވި އެވެ.
ޕާކިސްތާންގެ ދިފާއީ ވަޒީރު ވިދާޅުވީ އެމެރިކާއިން ޕާކިސްތާނަށް އިޙްތިރާމްކުރާތަން ނުފެންނަ ކަމަށާއި އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ވެސް ޕާކިސްތާނުން އެމެރިކާއަށް ދިން އެއްވެސް އެހީތެރިކަމެއްގެ އަގު އެމެރިކާ ވަޒަންކޮށްފައިނުވާ ކަމުގަ އެވެ.
އެމެރިކާގެ މިއަމަލުތަކާ ގުޅިގެން ތަންކޮޅެއްކުރިން ޕާކިސްތާނުން ވަނީ އެގައުމުގެ ހުއްދައަކާނުލައި ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ވެސް އަދި އެހެންކަމެއްގައި ވެސް ޕާކިސްތާނުގެ އެއް ވެސް ސަރަހައްދަކަށް ޑްރޯން ހަމަލާތައް ދިނުންވެސް އެމެރިކާއަށް މަނާކޮށްފަ އެވެ. އެމެރިކާއިންދޭ މިފަދަ ޙަމަލާތަކުގައި ޕާކިސްތާނުގެ ކުށެއްނެތް އާންމުންގެ އެތައް ސަތޭކަ ބަޔަކު ވަނީ މަރާލާފަ އެވެ. މިއީ ހަނގުރާމައިގެ ޖަރީމާކަމަށާއި އެމެރިކާގެ މިފަދަ އަމަލުތަކަށް އެމެރިކާގެ އިސްވެރިން ޒިންމާވެ ވަޑައިގަންނަވަން ޖެހޭނެކަމަށް ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚޫރާމް ދަސްތްޖީރު ޚާން ވިދާޅުވި އެވެ.
މިއީ މިފަދަ ތަހައްދީގެ މޭރުމަކުން އެމެރިކާ އާ ދެކޮޅަށް ޕާކިސްތާން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ޕާކިސްތާން ބުނާގޮތުން އެމެރިކާގެ އެހީތަކުން ހަގީގީ ފައިދާ ވަނީ އެމެރިކާ އަށެވެ. އެހެންކަމުން އެ އެހީތައް ކަނޑާލިނަމަވެސް ފަރުވާލެއްނެތެވެ. އެމެރިކާ އިން އަފްޣާނިސްތާނަށް އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ޚަރަދުކޮށް އެމެރިކާގެ ސިފައިން ސާދަ އަހަރުވަންދެން އަފްޣާނިސްތާނުގައި ހަނގުރާމަ ކުރިއިރު ވެސް އެމެރިކާއަށް ތާލިބާނުން ބަލިކޮށް ނުލެވުމަކީ އެމެރިކާގެ މައްސަލައެއްކަމަށާ އެކަމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި ނޭޅުވޭނެ ކަމަށް ވެސް ޕާކިސްތާނުންވަނީ ބުނެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ޕާކިސްތާނަށް ދޭ އެހީއަކީ ބޭކާރު އެހީއެއްކަމަށް ވިދާޅުވެ ޕާކިސްތާނުން އެމެރިކާއަށް ހަދާފައި ވަނީ ހުސް މަކަރާއި ދޮގުކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ. ޕާކިސްތާން އެމެރިކާދެކެ ރުޅިއައިސް އަސްކަރީ އަދި ޖާސޫސީ ކަންކަމުގައި އެމެރިކާ އަށްދޭ އެއްބާރުލުން ހުއްޓާލުމަށް ނިންމައި އެމެރިކާއާ ދެކޮޅަށް ޖެހިލުމެއް ނެތި ވާހަކަ ދައްކަން ފެށީ މިހިސާބުންނެވެ. ޕާކިސްތާނަށް މިގޮތަށް އެމެރިކާ އާ ދެކޮޅަށް ތެދުވަންކެރުނީ ޗައިނާ ޕާކިސްތާނުގެ ފަހަތުގައި އޮތުމުންކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)