11 Jan 2018, 10:45
ޕެރިސް (ޖެނުއަރީ 11): ފްރާންސުގެ ޕެރިހުގައި ހުންނަ ރިޓްޒް ހޮޓެލަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ 5.4 މިލިއަން ޑޮލަރުގެ ގަހަނާ ވަގަށް ނަގައިފި އެވެ.
ފްރާންސުގެ ފުލުހުން ބުނި ގޮތުގައި މޫނު ފޮރުވައިގެން ތިބި ފަސް މީހަކު ހޮޓެލުގައި ހުރި ފިހާރައަށް ހަމަލާ ދިނީ ވަޅިއާއި ފުުރޯ ބޭނުންކޮށްގެންނެވެ. އަދި އެމީހުން ވަނީ ޑިސްޕްލޭގައި ބަހައްޓާފައި ހުރި ގަހަނާތައް ދަބަސްތަކަށް އަޅައިގެން ފިލަން މަސައްކަތްކޮށްފަ އެވެ.
ނަމަވެސް ހޮޓެލުގެ ބޭރުގައި ތިބި ފުލުހުން ވަނީ އޭގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފަ އެވެ. ބާކީ ތިބި ދެ މީހުން ވަނީ ސައިކަލަކަށް އަރައިގެން ފިލާފައި ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި ވަގަށް ނެގި އެއްވެސް ގަހަނާއެއް މިހާރު ހޯދިފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ޕެރިހުގެ ހޮޓަލެއްގައި 2016 ވަނަ އަހަރު ވަނީ މަޝްހޫރު ރިއާލިޓީ ޓީވީ ސްޓާރު ކިމް ކާޑޭޝިއަންއަށް ބަޑިން ބިރު ދައްކައިގެން އޭނާގެ ގަހަނާތައް ފޭރިގަނެފަ އެވެ. ވަގަށް ނަގާފައިވާ ކިމްގެ ގަހަނާގެ އަގު 10 މިލިއަން ޔޫރޯއަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ. (ގާޑިއަން)