މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ "ފަޒާ" ނަމަކަށް ކިޔާ ދޯންޏެއް ބ. އޭދަފުށީ ކައިރީ އޮންނަ ފަރަކަށް އަރައި، އެ ދޯނިން ދަތުރުކުރި ދިވެއްސަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގި އިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ދަތުރުކުރި ކަމަށާއި، އެ ހާދިސާގައި ދޯނިން ދަތުރުކުރި ދިވެހި މީހާއަށް އަނިޔާވެގެން އޭދަފުށީ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ރޭ މެންދަމު 2:30 ހާއިރު ދޯނި ފަރަށް އެރި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާ ގުޅިގެން ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް، ޑަރިވަރުންނާއެކު ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ހަތްދިހަ ފަސް ފޫޓުގެ އެ ދޯންޏަކީ ރ. އަތޮޅުގައި އަލަށް ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.