ސަރުކާރަށް ލިބެން ޖެހޭ ފީތަކާއި ފައިސާ ބަލައިގަތުން ކުއްލި ގޮތަކަށް ހަމައެކަނި ރުފިޔާ އަށް ބަދަލު ކުރުމަކީ އިގްތިސާދަށް އެއިން ވަރަށް ނުރައްކާތެރި ނަތީޖާއެއް ނިކުތުން ގާތް ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ސަރުކާރު ހިންގާ އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތުން ޕާޓީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ލީގަލް ޓެންޑާ އަށް އެ ޕާޓީން ފުރިހަމަ އަށް ތާއީދުކުރާ ކަމަށާއި ނަމަވެސް ރޭވިފައި އޮންނަ ހަމަޖެހޭ އިގްތިސާދީ ޕެކޭޖެއްގެ ދަށުން ނޫން ގޮތަކަށް ލީގަލް ޓެންޑާ އެންފޯސްކުރުމުގެ ގޮތުން ސަރުކާރަށް ލިބެން ޖެހޭ ފީތަކާއި ފައިސާ ބަލައިގަތުން ކުއްލި ގޮތަކަށް ހަމައެކަނި ރުފިޔާ އަށް ބަދަލުކުރުމަކީ ވަރަށް ނުރައްކާތެރި ނަތީޖާތަކެއް ނިކުތުން ގާތް ކަމެއް ކަމަށެވެ.

އަދި ވާން ޖެހޭ ތައްޔާރީތައް ނުވެ، ކުއްލި ގޮތަކަށް، ސަރުކާރަށް ރުފިޔާ އިން ފައިސާ ބަލައިގަތުމަށް ނިންމައި އެނިންމުމަށް ޢަމަލު ކުރުމަށް މީރާ އަށް އެންގުމުން އެކަން ކުށްވެރި ކުރާ ކަމަށް ވެސް އަދާލަތުން ބުންޏެވެ.
މިފަދަ ބޮޑު ނިންމުމެއް ވާން ޖެހޭ ތައްޔާރީތައްނުވެ ކުއްލި ގޮތަކަށް ނިންމައި ވަގުތުން ވަގުތަށް ތަންފީޒުކޮށްފި ނަމަ އިގްތިސާދަށް ކުރާނެ އަސަރުތައް އަދާލަތުގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން ރާއްޖޭގައި މިވަގުތު ޢަމަލުކުރަމުންދާ ފައިސާ މާރުކުރުމުގެ ނިޒާމަށް ބަދަލުނާންނަހާ ހިނދަކު، ޑޮލަރު ވިއްކުމުގެ ބަދަލުގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކުން އިތުރުވެގެންދާނެ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.

އަދި ދައުލަތުގެ ސްޓްރެޓެޖިކް ފޮރިން ކަރަންސީ ރިޒާވަށް މައިގަނޑު ގޮތެއްގައި މިވަގުތު ޑޮލަރު ލިބޭ މަގަކީ ސަރުކާރަށް ނަގަމުން އަންނަ ޓެކްސާއާއި ކުއްޔާއި އެހެނިހެން ފީތައްކަމަށް ވުމުން، އެ ރިޒާވަށް ޑޮލަރު ލިބުން ހުއްޓި، އެކަށީގެންވާ މިންވަރަށް އިތުރުވަމުން ނުދިއުމުގެ ސަބަބުން އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް ހުރަސްއެޅިގެންދާނެ ކަމަށް އެޕާޓީން ދެކެ އެވެ.

އިގްތިސާދަށް ލިބޭ ބޭރު ފައިސާ ގައުމުން ބޭރުވާ މިންވަރު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރެގިއުލޭޓްކޮށް، ފައިސާ މާރުކުރުމުގެ ލައިސަންސް އޮންނަ ފަރާތްތައް ހަރަކާތްތެރިވާ ގޮތް އިސްލާހުކޮށް އެތަންތަން ރަނގަޅަށް ރެގިޔުލޭޓުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރަށް އަދާލަތުން ވަނީ ގޮވާލާފަ އެވެ.

އަދާލަތުން ބުނީ ސަރުކާރުން ގެންގުޅޭ ދޯހަޅި އިގްތިސާދީ ސިޔާސަތުގެ ސަބަބުން ކުދި، އަދި މެދުފަންތީގެ އެތައް ވިޔަފާރިތައް ބަނގުރޫޓުވެ ނެތިގެން ގޮސްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އިގްތިސާދީ ސިޔާސަތުތަކަށް ގެނެވޭ ބަދަލުތައް ވިޔަފާރިވެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ މަޝްވަރާކޮށް، ގެނެވޭ ބަދަލުތަކުގެ ސަބަބުން އެ ފަރާތްތަކުގެ ވިޔަފާރިތައް ހަލާކުވެ ބަނގުރޫޓުވެގެން ނުދާނޭހެން ފިޔަވަޅުތައް އެޅުމަށް ޢަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ.

އަދި އެއްވެސް ކަމަކަށް ބެލުމެއްނެތި، ހެދިފައި ހުރި ޤާނޫނުތަކަށް ބޯލެނބުމެއް ނެތި، ޒިންމާދާރުކަމާއި ރޭވުންތެރިކަމެއް ނެތި ސަރުކާރުން ގެންނަމުންދާ މިފަދަ ބޮޑެތި ބަދަލުތައް ޢަދާލަތު ޕާޓީން ކުށްވެރިކުރާ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.