ރާކޭޝް ރޯޝަން ޑައިރެކްޓު ކުރާ ފިލްމް "ކްރިޝް4" ރިލީޒްކުރާނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގައި ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.

ކުޅަދާނަ ބަތަލު ރިތިކް ރޯޝަންގެ އުފަންދުވަހާ ދިމާކޮށް ޓުވިޓާގައި އެކަން އިއުލާންކޮށްފައިވާ އިރު ރިތިކް އެ ފިލްމުގައި އިސް ރޯލެއް ކުޅެ އެވެ. ރިތިކްގެ އުފަންދުވަހަކީ 10 ޖެނުއަރީ އެވެ.

"ފިލްމު ރިލީޒްކުރަން މި ނިންމީ ކްރިސްމަސް އާ ދިމާކޮށް. މިއީ ކޮންމެ މީހަކު ވެސް ބަލައިލަން ރަނގަޅު ރީތި ފިލްމެއް،" ފިލްމުގެ ޑައިރެކްޓާރު ރާކޭޝް ރޯޝަން ވިދާޅުވި އެވެ.

އެ ފިލްމުގައި ރިތިކް ފެނިގެން ދާނީ ދެ ރޯލަކުންނެވެ. އެއީ ހީރޯގެ ބައިންނާއި 'ވިލަން' އެއްގެ ބައިންނެވެ.

އެކަމާ ގުޅިގެން ރިތިކް ބުނީ އަބަދު ވެސް އެއް ފިލަމަކުން ދެ ރޯލެއް އަދާ ކުރާ ހިތްވާކަމަށާއި ކުރިން ވެސް އެކަހަލަ ފިލްމެއް ކުޅެފައިވާނެ ކަމަށެވެ.

"ކްރިޝް4" އަކީ ބޮލީވުޑްގެ ސުޕަހީރޯ ސައިންސް ފިކްޝަންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ.

ކްރިޝްގެ ސީރީޒްތަކަށް ބެލުންތެރިންގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.