11 Jan 2018, 01:05
އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، ފެލީނާ، އުމުރުން 25 އަހަރުގެ އަލީ ތޮއްޔިބެވެ.
ތޮއްޔިބުގެ އާއިލާގެ މެމްބަރަކު މިރޭ "ސަން" އަށް ކިޔައިދިންގޮތުގައި އޭނާ ގެއްލުނުކަން އެނގުނީ އޭނާ މަސައްކަތްކުރާ، ކްލަބް މެޑް ކަނި ރިސޯޓުން ގުޅާފައި ބުނުމުންނެވެ.
އާއިލާގެ މެމްބަރު ބުނީ ތޮއްޔިބުގެ ފޯނުގައި މައްސަލަޖެހިފައިވާތީ އޭނައާ ނުގުޅޭތާ ދުވަސްތަކެއް ވެއްޖެކަމަށެވެ.
ރިސޯޓުން އާއިލާއަށް މައުލޫމާތު ދިނީ ތޮއްޔިބު މީގެ ތިން ދުވަސްކުރިން އެ ރިސޯޓުގެ ފެރީން މާލެ ގޮސްފައިވާ ކަމަށެވެ. ނަމަވެސް މާލެ ދިޔުމަށްފަހު އޭނާގެ ދައްތަމެންގެ ގެއަށް ގޮސްފައިނުވާ ކަމަށާއި މާލޭގައި އޭނާ އުޅެނީ އެގޭގައި ކަމަށް އާއިލާގެ މެމްބަރު ބުންޏެވެ.
އެހެންކަމުން އާއިލާ އިން މިރޭ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
އާއިލާގެ މެމްބަރު ބުނީ ރިސޯޓުން މައުލޫމާތުދޭގޮތުގައި އޭނާ މާލެ ދިޔައީ އެއް ދުވަހަށެވެ. އޭގެފަހުން އޭނާ ރިސޯޓަށް ގޮސްފައިނުވާ ކަމަށް އާއިލާގެ މެމްބަރު ބުންޏެވެ.