11 Jan 2018, 09:08
ފީފާ ވޯލްޑް ކަޕަށް ދިއުމުގެ ކުރިން ދެ ގައުމަކާއެކު އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް އިނގިރޭސިވިލާތުން ތާވަލުކޮށްފިއެވެ.
އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ވޯލްޑް ކަޕުގެ ކުޅުން ފަށާ އިރު، އިނގިރޭސިވިލާތުންް އެކުވެރިކަމުގެ ދެ މެޗު ތާވަލުކޮށްފައިވަނީ ޖޫން ދެވަނަ ދުވަހާއި ޖޫން ހަތްވަނަ ދުވަހަށެވެ. ޖޫން ދެވަނަ ދުވަހު ވެމްބްލީގައި އިނގިރޭސިވިލާތުން ނައިޖީރިއާ ދެކޮޅަށް ނުކުންނަ އިރު، ޖޫން ހަތްވަނަ ދުވަހު އިނގިރޭސިވިލާތުގެ ލީޑްސް ދަނޑުގައި ނުކުންނާނީ ކޮސްޓަރީކާއާ ދެކޮޅަށެވެ.
އިނގިރޭސިވިލާތުން ވޯލްޑް ކަޕުގައި އެޓީމު ކުޅޭ ފުރަތަމަ މެޗު ކުޅޭނީ ޖޫން 14 ވަނަ ދުވަހު ޓިއުނޭޝިއާއާ ދެކޮޅަށެވެ. ޓިއުނޭޝިއާގެ އިތުރުން އިނގިރޭސިވިލާތާއެކު ދެން ގްރޫޕް ޖީގައި ހިމެނެނީ ބެލްޖިއަމްއާއި ޕެނަމާއެވެ.
އިނގިރޭސިވިލާތުން ވޯލްޑް ކަޕުގެ ކުރިން ކުޅޭ އެކުވެރިކަމުގެ ދެ މެޗާ ގުޅިގެން އެގައުމުގެ ގައުމީ ޓީމު ކޯޗު ގެރެތު ސައުތުގޭޓް ބުނެފައިވަނީ އިދިކޮޅު ޓީމު ކަނޑައާޅާފައިވާނީ ވޯލްޑް ކަޕުގެ ގްރޫޕް ސުޓޭޖުގައި ކުރިމަތިލާންޖެހޭ ޓީމުތަކަށް ބެލުމަށްފަހު ކަމަށެވެ.
"ވޯލްޑް ކަޕުގައި އިނގިރޭސިވިލާތުން ކުޅެން ޖެހޭނީ އެފްރިކާ އަދި އެމެރިކާގެ ޓީމަކާ. ނައިޖީރިއާ އަދި ކޯސްޓަރީކާ މެޗުން އިންގްލެންޑް ތައްޔާރުވާން ބޭނުންވަނީ ހަމައެކަނި ގްރޫޕް ސްޓޭޖު މެޗުތަކަކަށް ނޫން. އޭގެފަހުން ކުޅެން ޖެހޭ މެޗުތަކާވެސް އެކު ތައްޔާރު މިވަނީ،" ސައުތުގޭޓް ބުންޏެވެ.
އިނގިރޭސިވިލާތުން އާންމުކޮށް ބޮޑެތި މުބާރާތްތަކަށް ދިއުމަށް ކުޅޭ ކޮލިފިކޭޝަނާއި އެކުވެރިކަމުގެ މެޗުތަކުން މޮޅުވާ ނަމަވެސް، އެ ޓީމަށް މުބާރާތްތަކަށް ގޮސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވުމުން މީޑިއާގެ ފާޑުކިޔުންތައް މިފަހަރު ވޯލްޑް ކަޕާ ދިމާކޮށްވެސް އިނގިރޭސިވިލާތަށް އަމާޒުވާނެއެވެ.
ޖޫން މަހުގެ ކުރިން މާޗު މަހުވެސް ޔޫރަޕުގެ ދެ ގައުމަކާއެކު އިނގިރޭސިވިލާތުން އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެއެވެ. އިނގިރޭސިވިލާތުންް ކުޅޭނީ މިއަހަރުގެ ވޯލްޑް ކަޕުން ޖާގަ ގެއްލުނު އިޓަލީއާއި ނެދަލެންޑްސްއާ ދެކޮޅަށެވެ.