ޕާކިސްތާނަށް ނިސްބަތްވާ އުމުރުން ހަތް އަހަރުގެ ޒައިނަބު މަރަލާފައި އޮއްވާ ފެނުމާ އެކު ޕާކިސްތާނު ހަލަބޮލިވެ ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެ އެވެ.

ޕާކިސްތާނުގެ ކަސޫރު ސަރަހައްދުގެ ކުނި ގޮނޑަކުން ޒައިނަބުގެ ހަށިގަނޑު ފެނުނީ އަންގާރަ ދުވަހު އެވެ. ޒައިނަބު ފެނުނު އިރު އޭނާ ގެއްލިގެން ހޯދާތާ ދެތިން ދުވަސް ވެއްޖެ އެވެ. ޒައިނަބު ފެނުނު އިރު އެކުއްޖާ އޮތީ ރޭޕްކޮށް އަނިޔާކޮށްފަ އެވެ.

ކަސޫރުގެ ފުލުހުން ބުނީ ފާއިތުވި ދެ އަހަރު ތެރޭ މިފަދަ 12 މަރެއްގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ފަސް މަރެއްގެ އިނގިލި ދިއްކުރެވެނީ އެކަކަށް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޒައިނަބު ރޭޕްކޮށް މަރައިލި ކަމަށް ބެލެވޭ މީހާގެ ސީސީޓީވީ ފޫޓޭޖެއް ވެސް ވަނީ އާންމުވެފަ އެވެ. ޒައިނަބުގެ އަތުގައި ހިފައިގެން އޭނާ ދާ ތަން އެ ވީޑިއޯ އިން ފެނެއެވެ.

ޒައިނަބުގެ މަރާ ގުޅިގެން ކަސޫރުގައި މުޒާހަރާ ކުރަމުންދާއިރު އެ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކެއްގައި ދެ މީހަކު ވަނީ މަރުވެފައެވެ.

ޒައިނަބު ގެއްލުނީ ގުރުއާން ކިޔަވާފައި އެނބުރި ގެއަށް އައި މަގުމަތީ އެވެ. އޭނާ ފެނުނީ ގެއާ ދެ ކިލޯމީޓަރު ދުރުންނެވެ.

ޒައިނަބުގެ ހަށިގަނޑު---

ޒައިނަބު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ނަމަވެސް ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށާއި ސީސީޓީވީ ފޫޓޭޖަކީ ވެސް އާއިލާއިން ހޯދި އެއްޗެއް ކަމަށް ޒައިނަބުގެ އާއިލާއިން ބުނެއެވެ.

"ފުލުހުން ވަގުތުން ފިޔަވަޅު އެޅިނަމަ އެމީހާ (ޒައިނަބު މަރާލި މީހާ) އަތުލައިގަނެވޭނެ،" ޒައިނަބުގެ ބައްޕަ ބުނެފައިވެ އެވެ. ޒައިނަބުގެ މަންމަ ބުނީ ބޭނުން ވަނީ އޭނާގެ ދަރިފުޅަށް އިންސާފު ލިބެން ކަމަށެވެ.

ޒައިނަބުގެ މަރާގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.