11 Jan 2018, 09:13
އަނިޔާގެ ސަބަބުން ހަ މަސް ވަންދެން ނުކުޅެ ހުރުމަށްފަހު އަންނަ ހަފްތާގައި ފަށާ އޮސްޓްރޭލިއަން އޯޕަންސްގައި ކުޅޭނެ ކަމަށް ކުރިން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވެކް ޖޮކޮވިޗް ބުނެފިއެވެ.
ސާބިއާއަށް އުފަން އުމުރުން 30 އަހަރުގެ ޖޮކޮވިޗް ބުނީ މިވަގުތަށް އޭނާ ހުރީ މިއަހަރުގެ ފުރަތަމަ އޭޓީޕީ ވޯލްޑް ޓުއާ މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރާ ގޮތަށް ކަމަށެވެ.
ޖޮކޮވިޗްއަށް ހަމަސް ކުރިން ކުޅުމާ ދުރަށްދާން ޖެހުނީ އުޅަނބޮށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އޭނާ އެންމެފަހުން ވާދަވެރި މެޗެއް ކުޅެފައިވަނީ ސީޒަން ފެށުމުގެ ގޮތުން ބޭއްވި އެކްޒިބިޝަން މުބާރާތް ކަމަށްވާ ކޫޔޯންގް ކުލާސިކްގައެވެ. އެ މުބާރާތުގައި ދުނިޔޭގެ ފަސް ވަނައިގައި ސީޑު ކޮށްފައިވާ ޑޮމިނިކް ތިއޭމްއާ ދެކޮޅަށް ކުޅުނު މެޗު ޖޮކޮވިޗް ކާމިޔާބުކުރީ 6-1 އަދި 6-4 ގެ ނަތީޖާއަކުންނެވެ.
ކޫޔޯންގް ކުލާސިކް މުބާރާތުގެ ބާކީބައިގައި ނުކުޅެ ދޫކޮށްލި ޖޮކޮވިޗް ބުނީ އޭނާ މެޗަށް 100 ޕަސެންޓް ފިޓް ނޫން ނަމަވެސް، މެޗުތައް ކުޅެން ފެށުމުން އޭނާގެ މެޗު ފިޓްނެސް ރަނގަޅުވާނެ ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުރުމުން ޖޮކޮވިޗްގެ ވޯލްޑް ރޭންކިން 14 ވަނައަށް ވެއްޓިފައިވާ އިރު، އޭނާ ވަނީ މީގެކުރިން ހަ ފަހަރެއްގެ މަތިން އޮސްޓްރޭލިއާ އޯޕަން ކާމިޔާބުކޮށްފައެވެ. މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.