14 Aug 2011, 15:36
ނ. ކެނދިކުޅުދޫ ރައްޔިތުންގެ އެކައުންޓްގައި ހުރި ފައިސާ ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލަކުން ބަހައިދިނުމަށް އެދި އެ ރަށު ބަޔަކު ކައުންސިލަށް ހުށަހަޅައިފި އެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ހަސަން ޒައީމު މިއަދު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެ ހުށަހެޅުން ކައުންސިލަށް ހުށަހަޅާފައިވާ ކަމަށާއި ރައްޔިތުންގެ ތެރެއިން ބަޔަކު އިއުތިރާޒު ނުކުރާ ނަމަ ރައްޔިތުންގެ އެކައުންޓްގައި ހުރި ފައިސާ ރައްޔިތުންނަށް ބެހުމަށް ނިންމާފައިވާ ކަމަށެވެ.
ޒަޢީމް ވިދާޅުވީ ކެނދިކުޅުދޫ ރައްޔިތުންގެ އެކައުންޓްގައި ހުރި ފައިސާގެ ތެރެއިން، އެ ރަށުގައި ބޭސް ފިހާރައެއް ގާއިމް ކުރުމަށް، ކޮންމެ އަވަށަކަށް 25000ރ. ނެގުމަށް ފަހު ބާކީ ހުރި ފައިސާ ރައްޔިތުން އެދޭ ގޮތަށް ބަހައި ދިނުމަށް ކައުންސިލުން ނިންމާ ފައިވާ ކަމަށެވެ.
"ރައްޔިތުންގެ އެކައުންޓްގައި ހުރި ފައިސާ ބެހުމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެމުން ދާތީ މިހާރު އެ ފައިސާ ބަހައިދޭ ގޮތަށް ކައުންސިލުން ނިންމާފައި އޮންނާނީ. ނަމަވެސް ރަށުގައި ބޭސް ފިހާރައެއް ހަދަން ދެ އަވަށުން ކުރެ ކޮންމެ އަވަށަކުން ވެސް 25000ރ. ބަހައްޓާފައި ބާކީވާ ފައިސާ ބަހާ ގޮތަށް އެއްބަސްވެފައި އޮތީ."
ކެނދިކުޅުދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނި ގޮތުގައި ކެނދިކޮޅު އަވަށުގެ ރައްޔިތުން އެގޮތަށް ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ ތެރެއިން ގިނަ މީހުން އެގޮތަށް ތާއީދު ކޮށްގެންނެވެ. އަދި ރައްޔިތުންގެ ތެރެއިން ގިނަމީހުން ތާއީދު ކޮށްފައިވަނީ ބޭސްފިހާރައެއް ހެދުމަށްޓަކައި ކޮންމެ އަވަށަކުން ފަންސަވީސް ހާސް ރުފިޔާ ނެގުމަށްފަހު ބަކީ ރައްޔިތުނގެ މެދުގައި ބެހުމަށެވެ.
"ދެއަވަށުގައިވެސް ފުދޭވަރަކަށް ފައިސާއެއްހުންނާނެކަމަށް ލަފާކުރެވޭ. ހުއިފިލަނޑާއަލާކޮށްގެނެ ވެސް އެކަށީގެންވާވަރަށް ފައިސާލިބޭ. އަދި މިރަށު އިންޖީނުގެ ޔިޓިލިޓީސްގެ ދަށަށްދިޔައިރު އިންޖީނުގޭގެ އެކައުންޓްގައި ހުރި ފައިސާވެސް އަދި ހަމަ ހުރިގޮތަށްހުންނާނެ. އެހެންވެ މިރަށު ރައްޔިތުން ބޭނުންވަނީ އެ ހުރިހާ ފައިސާއަކުން މިރަށުގަ ބޭސްފިހާރައެއް އަޅާނެ ފައިސާ ކަނޑާފަ ބާކީ ފައިސާ ބަހާލަން." އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ކެނދިކުޅުދޫން ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ދެ އަވަށުގެ އެކައުންޓަގައި މިވަގުތު ހުރީ 490000ރ. ރުފިޔާ ކަމަށާއި އެ ފައިސާގެ ތެރެއިން ދެ އަވަށަށް 50000ރ. ނެގުމަށް ފަހު ބާކީ 440000ރ. 1600 ވަރަކަށް މީހުން އުޅޭ ރަށުގެ މީހުންގެ މެދުގައި ބެހުމަށް ނިންމާފައިވާ ކަމަށެވެ.
އެ އަދަދުގެ ފައިސާ 1600 ވަރަކަށް މީހުންގެ މެދުގައި ބެހުމުން މީހަކަށް 275ރ. ޖެހެ އެވެ.