11 Jan 2018, 09:17
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ އުފެއްދުންތެރިކަމުގެ ސިނާއަތް ކުރިއަރާފައިވާކަމަށް އެ ގައުމުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
އެ އިދާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު އެގައުމުގެ އުފެއްދުންތެރިކަން ވަނީ 0.4 ޕަސެންޓް ކުރިއަރައިފަ އެވެ. އޮކްޓޯބަރު މަހު އިނގިރޭސިވިލާތުގެ އުފެއްދުންތެރިކަން 0.3 ޕަސެންޓް ކުރިއަރާފައިވާއިރު އަހަރުގެ ފަހު ކުއާޓާގައި އިނގިރޭސިވިލާތުގެ އުފެއްދުންތެރިކަމުގެ ސިނާއަތަށް ކުރިއެރުން އައިސްފައިވާކަން ހާމަވާނެ ކަމަށް އޯއެންއެސް އިން ބުނެއެވެ.
އެގައުމުގެ އުފެއްދުންތެރިކަމުގެ ސިނާއަތަކީ އިގްތިސާދުގެ 10 ޕަސެންޓެވެ. އޯއެންއެސް އިން ބުނީ ކާރާ މަތިންދާބޯޓު އަދި އިއާދަކުރުވަނިވި ހަކަތަ އުފައްދާ އުފެއްދުންތަކުގެ ދާއިރާއިން ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.
ނަމަވެސް އޯއެންއެސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތުގެ އިގްތިސާދު އޮތީ ރަނގަޅު ފައްތަރެއްގައެއް ނޫނެވެ. އެގައުމުން އެކްސްޕޯޓު ކުރިއަރާފައި ވަނީ އެންމެ ޕަސެންޓެކެވެ. އިމްޕޯޓު ވަނީ ދެ ޕަސެންޓު އިތުރުވެފަ އެވެ.
މި އަހަރު އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި މާ ބާރަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައެއް ނުވެ އެވެ. މި އަހަރު އިނގިރޭސިވިލާތުގެ ޖީޑީޕީ ހުންނާނީ 1.5 ޕަސެންޓަށް ދަށްވެފައިި ކަމަށް ވަނީ ލަފާކޮށްފަ އެވެ.